ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިކޮމޮނިކް މިނިސްޓްރީއިން، އިކޮނޮމިކް ރިސާޗް ސެންޓަރެއް (އީއާރްސީ) އިފްތިތާހު ކޮށްފިއެވެ.

އެ ސެންޓަރަކީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް އާއި މިނިސްޓްރީއާ ދެމެދު ފެބުރުވަރީ 2022 ގައި ސޮއިކުރެވުނު އެމްއޯޔޫ އެއްގެ ދަށުން ފޯރުކޮށްދެއްވާފައިވާ ފަންނީ އެހީތެރިކަމާއެކުގައި ހެދިގެން ދިޔަ ސެންޓަރެއް ކަމަށް މިނިސްޓްރީއިން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީއިން ބުނީ އެ ރިސާޗް ސެންޓަރުގެ އަމާޒަކީ ރާއްޖޭގެ ތަރައްގީއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ތަފާސް ހިސާބާއި އީޖާދީ ވަސީލަތްތައް ބޭނުން ކުރުމަށް މަގުފަހިކޮށްދިނުމާއި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި ގޮތްތަކަށް ބޮޑު ބަދަލެއް ގެނައުން ކަމަށެވެ.

އެ ސެންޓަރުގެ މަސައްކަތް ހާއްސަ ކުރެވިފައި ވަނީ ތަފާސް ހިސާބު ބޭނުންކޮށްގެން ދިރާސާތައް ކުރުމާއި ސިޔާސަތުތައް އެކުލަވާލުމުގައި އާއްމުންގެ ހިއްސާ އިތުރުކުރުމަށެވެ.

އީއާރުސީގެ ވިސްނުމަކީ ދުނިޔޭގެ އިނޮވޭޝަން ސެންޓަރުތަކާއި ސަރުކާރާއި ދިވެހި ރައްޔިތުންނާ ދެމެދު އިލްމާއި ހުނަރު ބަދަލުކުރުމުގައި މެދުވެރިއަކަށްވުން ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

އެ ސެންޓަރު ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރު ފައްޔާޒު އިސްމާއިލް ވަނީ ސަރުކާރުގެ ވުޒާރާތަކުގައި ޒަމާނުއްސުރެ މައުލޫމާތުތަކެއް އެއްކުރެވިފައި ހުރި ނަމަވެސް ގިނަ މައުލޫމާތެއް ހުރީ ދިރާސާތަކާއި ސިޔާސަތުތައް އެކުލަވާލުމަށް ބޭނުން ކުރެވޭނެ ފަދަ ގޮތަކަށް ނޫންކަން ފާހަގަ ކުރައްވާފައެވެ. އަދި އީއާރްސީ ގެ ތެރެއިން އެ މައުލޫމާތުތައް ބޭނުން ކުރެވޭނެ ގޮތަކަށް ބަދަލުކޮށް ބެލެހެއްޓުމަށް މަގުފަހިވެ، ސިޔާސަތުތައް ކަނޑައަޅަން ފަސޭހަވެގެން ދާނެކަމަށް ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.