ރ. އަލިފުށި ކައިރީގައި އޮންނަ އެ ރަށުގެ އިހްތިސޯސްގެ ތެރޭގައި އޮތް ފަޅު ރަށް ކަމަށްވާ އެއްތިގިލި، އެ ރަށުގެ އިހްތިސޯސްގެ ތެރެއިން މިއަދު ވަކިކޮށްފިއެވެ.

އަލިފުށި ރައްޔިތުން ބޭނުންވެފައި އޮތް، އަދި އެއާޕޯޓެއް ހެދުމަށް އެއްތިގިލި އެ ރަށުގެ އިހްތިސޯސްގެ ތެރެއަށް މީގެ ކުރިން ވައްދާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރަކުންނެވެ.

ރައީސް މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހްތިސޯސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެމަނިކުފާނަށް މަތިކޮށްފައި ވާތީ، އަދި ރަށްރަށުގެ އިހްތިސޯސް ކަނޑައަޅައި އިއުލާނު ކޮށްފައިވާ ގޮތަށް ބަދަލު ގެންނަން ޖެހިއްޖެ ކަމަށް ފެނުމުން، އެއްތިގިލި އަލިފުށީގެ އިހްތިސޯސުން ވަކިކުރަން ނިންމަވާފައިވާ ކަމަށެވެ.

އެއްތިގިއްޔާއި އަލިފުއްޓަކީ ޖެހިޖެހިގެން ކަހަލަ ގޮތަކަށް އެއް ފަޅެއްގެ ތެރޭގައި އޮންނަ ދެ ރަށެކެވެ. އަލިފުށި ރައްޔިތުން ބޭނުންވީ އެ ރަށުގައި އެއާޕޯޓު ހަދާއިރު އެއްތިގިއްޔާ ހަމައަށް ރަށް ހިއްކާލުމަށް ކަމަށްވީ ނަމަވެސް، އޭރުން އެއާޕޯޓު ހެދުމުގެ މަޝްރޫއުގެ އަގު ބޮޑުވެ، ތިމާވެއްޓަށް އަސަރުކުރާނެތީ ސަރުކާރުން އެކަމަށް ދެކޮޅު ހެދީއެވެ.

އަލިފުށީގައި އެމްޓީސީސީން 450 މިލިއަން ރުފިޔާ އަށް އެއާޕޯޓެއް އަޅާއިރު، އެ މަޝްރޫއު ނިމޭނެ ކަމަށް ބެލެވެނީ 2024 ވަނަ އަހަރުގައެވެ.