ރ. އަލިފުށީގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ހަދައި މި ސަރުކާރުން ހިންގާ އަލިފުށި އެއާޕޯޓް މަޝްރޫއު މާ ފުރިހަމައަށް ނިންމައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރިޔާސި އިންތިހާބަށް ކުރައްވާ ކެމްޕެއިން ދަތުރުގެ ތެރެއިން މިއަދު ރ. އަލިފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައެވެ. މުއިއްޒު ވިދާޅުވީ، އެރަށުގައި އަޅާ އެއާޕޯޓްގެ މަޝްރޫއު މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ ހުއްޓާލާނެ ކަމަށް ބުނެ ދައްކާ ވާހަކައަކީ ހަގީގަތާ ހިލާފް ވާހަކައެއް ކަމަށާއި އެފަދަ ވާހަކަ ދެއްކުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަަމަށެވެ. އަލިފުށި އެއާޕޯޓުގެ މަޝްރޫއު މިހާރަށް ވުރެ ފުރިހަމަކޮށް މިހާރަށް ވުރެ ބާރަށް ކުރިއަށް ގެންގޮސް ނިންމައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހަމައެއާއެކު އެރަށަށް ބޭނުންވާ އެންމެ މުހިއްމު އެއް ކަމަކީ އެ ރަށަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާ އިރު، ބޭންކުގެ ހިދުމަތްތައް ދެވޭ ރަށަކަށް ހަދައި ބޭންކުގެ ބްރާންޗެއް އަލިފުށީގައި ގާއިމް ކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަލިފުށީގެ ސިއްހީ ނިޒާމު މިހާރަށް ވުރެ ރަނގަޅު ކުރެވެން ވާނެ ކަމަށާއި ވެރިކަން ލިބިވަޑައިގެންފި ނަމަ އެ ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެެ. މީގެ އިތުރުން ލޯކަލް ޓޫރިޒަމްގެ ތެރެއިން ގެސްޓް ހައުސް ވިޔަފާރިއަށް ވެސް އެ ރަށުގައި ފުރުސަތުތައް ހޯއްދަވައި ދެއްވާނަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ހުރިހާ ރަށަކަށް ވެސް މެނިފެސްޓޯގައި ހިމާނާފައި ވާނެ ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، އަލިފުށީގެ ޒުވާނުން ބޭނުންވާ ގޮތަށް އެކަންކަން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. މީގެ އިތުރުން ކުނި މެނޭޖް ކުރުމަކީ ކޮންމެ ރަށެއްގައި ވެސް ވަރަށް ބޮޑަށް އިހްމާލު ވެފައިވާ ކަމެއް ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އަދި މިކަންކަން ފުރިހަމަ ކުރުމަށް އަލިފުށީ ރައްޔިތުންގެ ފަރާތުން ފުރިހަމަ އަޣުލަބިއްޔަތެއް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިއަދު މުއިއްޒު އަލިފުއްޓަށް ވަޑައިގެން އިރު، މޫސުން ގޯސްވެ ވަރަށް ބޯކޮށް ދަނީ ވާރޭ ވެހެމުންނެވެ. ވާރޭގައި ތެމި ފޯވެގެން ވެސް މެހެމާންދާރީ އަދާ ކުރުމުގައި އެ ރަށު ރައްޔިތުން ދެއްކި މަންޒަރުން އެއްބުރުން މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.