ރ. އަލިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ އަދި މަސައްކަތް ފައްޓަވައިދެއްވީ ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ވަޒީރު އާދަމް ޝަރީފް އުމަރެވެ. މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓާ އަލީ ޒުބައިރުގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އަލިފުށީ ބޮޑެތި މަގުތައް ޑިޒައިންކޮށް ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 90.96 މިލިއަން ރުފިޔާއަށެވެ. އެއީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫގެ ދަށުން ކުރުމަށް ކަނޑައެޅިފައިވާ މައިގަނޑު މަސައްކަތްތައް:

  • 8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން
  • މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުން
  • މަގުތަކުގައި މަގުބައްތިޖެހުމެވެ.

މި މަޝްރޫގައި ސޮއި ކޮށްފައިވަނީ 19 އޭޕްރީލް 2023 ގައެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އާރްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ)އެެވެ.

މި މަޝްރޫއާ ގުޅިގެން މީގެ ކުރިން އަލިފުށީ ކައުންސިލްގެ ރައީސް، އާދަމް އިމްރާން ވިދާޅުވީ އެ މަޝްރޫއާއެކު މަގުތަކަށް ދިމާވެފައިވާ ގިނަ މައްސަލަތަކަކަށް ހައްލު ލިބޭނެ ކަމަށާއި، ފެން ބޮޑުވުމުގެ މައްސަލައާއި އަޑިގުޑަންތަކުގެ ސަބަބުން ދުއްވާ އުޅަނދުފަހަރަށް ދިމާވާ ދަތިތަކަށް ހައްލު ލިބޭނެ ކަމަށެވެ.