ރ. އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން ފޭބި ޒުވާނަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން މޫދަށް ފޭބި 3 މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރާ އަޑީގައި އޮތް ކަމަށް މިއަދު 12:08 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހާ ނަގައިގެން ރަށު ހެލްތް ސެންޓާއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހާ ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިގައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދިޔަ ޒުވާނާގެ ހަށިގަނޑު ފެނިފައިވަނީ އަލިފުށި ދެކުނު ފަރާތު މޫދު އަޑިންނެވެ.