ކްރިސްޓްމަސް ދުވަހާ ގުޅޫވާ އެއްވެސް ހަރަކާތެއް އދ. ދަނގެތީގައި ނުހިންގޭނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ދަނގެތި ކައުންސިލުން މިހެން ބުނެފައި ވަނީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ މި ދުވަސްވަރުގައި ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަމުން ދިއުމާ އެކު ކްރިސްޓްމަސް ދުވަސް ގާތްވެފައި ވާތީއެވެ.

އެ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ފަތުރުވެރިން ގެންނަ ފަރާތްތަކުން ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ފަތުރުވެރިންނަށް ހަނދާންކޮށްދީ އިރުޝާދު ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ގާނޫނު ނަންބަރު 6/94 ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔާތްކުރުމާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔާތް ކުރުމުގެ ގަވާއިދުގެ 9 ވަނަ މާއްދާއަށް އެ ކައުނސިލުން ވަނީ އަލިއަޅުވާލާފައެވެ.

އެ ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ގޮތުން ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިއާރުތައް ފާޅު ކުރުމާއި އާންމު ތަންތާނގައި ޖަމާއަތް ހަދައިގެން އެފަދަ ދީނީ ހަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިވުމަކީ މަނާ ކަމެކެވެ. އެގޮތުން ކްރިސްޓްމަސް ފަދަ ޣައިރު ދީންތަކުގެ އީދުތައް ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި އެއްވެސް ހަރަކާތެއް ނުހިންގުމަށް އެ ކައުންސިލުން ވަނީ ގޮވާލާފައެވެ.

ހަމައެއާއެކު މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭ އިރު، ދިވެހިރާއްޖޭގައި ޓޫރިސްޓު ގެސްޓްހައުސް ހިންގުމާ ބެހޭ ގަވައިދާއި އަދި އެ ކައުންސިލުން އާންމުކޮށްފައިވާ ހެދުން އެޅުމުގެ މިންގަނޑާ އެއްގޮތަށް އާންމު އިޖްތިމާއީ މިންގަނޑަށް ފެތޭ ފަދަ ހެދުމެއްގައި އުޅުމަށް ފަތުރުވެރިންނަށް އިރުޝާދުދީ އެގޮތަށް އަމަލު ކުރޭތޯ ބަލައި، އެކަން ޔަގީން ކުރަން ވާނެ ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ. އެހެންކަމުން ފަތުރުވެރިން ގެންނަ ފަރާތްތަކުން މިކަންކަމަށް ސަމާލުކަން ދީ އެ މައުލޫމާތު އެ ފަރާތްތަކަށް ސާފުކޮށްދީ އިރުޝާދު ދިނުމަށް އެ ކައުންސިލުން ވަނީ ގޮވާލާފައެވެ.

ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިން ގިނަވުމަކީ ޖުމްލަކޮށް ރަށުގެ ގިނަ ބަޔަކަށް އެކަމުގެ ނަފާ ލިބިގެންދާނެ ކަމެއް ކަމަށް ދަނގެތި ކައުންސިލުން ބުނެއެވެ. އަދި ރަށުގެ އުމްރާނީ ތަރައްގީއަށް ވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް މި ދުވަސްވަރު ލިބޭނެތީ އެފަދަ ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ރަށުގެ ރައްޔިތުންގެ ވެސް ފުރިހަމަ އެއްބާރުލުމާއި، ހިތްހެޔޮކަން ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ދީގެން ކަމަށް ކައުންސިލުން ބުނެއެވެ. އަދި ރަށުގެ ސާފުތާހިރު ކަމަށް ރައްކާތެރިވެ ތިމާވެއްޓަށް ގެއްލުންވާ ފަދަ ކުނިބުނި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ނައްތާލުމަށާއި މި ކަމުގައި ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަށް އެ ކައުންސިލުިން އެދިފައި ވެއެވެ.

ކްރިސްޓްމަސް ފާހަގަ ކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހެވެ. މި ދުވަސް ރާއްޖޭގެ ބައެއް ރަށްރަށުގައި ޓޫރިސްޓުންނަށް ހާއްސަކޮށްގެން ފާހަގަ ކުރުމަށް ކްރިސްޓްމަސް ގަސް ޖަހާފައިވާ މައްސަލަަތައް ވެސް ވަނީ ފެންމަތިވެފައެވެ.