ކަށުނަމާދުގެ ވަގުތާއި މާލޭގައި ވަޅުލާ މީހުންގެ މައުލޫމާތު އާންމުކުރަން ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.

މަރުވާ މީހުންގެ މައުލޫމާތާއި އެ މީހުންގެ މައްޗަށް ކުރެވޭ ކަށުނަމާދުގެ ވަގުތު އާންމުކުރުމަކީ ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ކައުންސިލަކުން ކުރަމުން ގެންދާ މަސައްކަތެކެވެ. ނަމަވެސް މާލޭގައި މިވީހާ ތަނަށް އެ މަސައްކަތް ކުރަމުން ދިޔައީ އާ ސަހަރާގައި ޖަމާއަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާ އަހްމަދު މުނައްވަރު އަމިއްލަ ގޮތުންނެވެ.

މާލެ ސިޓީ ކައުންސިލްގައި ވެސް މަސައްކަތްކުރާ މުނައްވަރު، "ކަށުނަމާދު އެމްވީ"ގެ ނަމުގައި ފޭސްބުކްގައި ޕޭޖެއް ހިންގަމުން އަންނަ އިރު، އޭނާގެ އެ މަސައްކަތް ހުއްޓާލަން ސިޓީ ކައުންސިލުން އަންގާފައިވާ ކަމަށް މުނައްވަރު ބުންޏެވެ. އޭނާ އިއްޔެ ބުނި ގޮތުގައި، އެ މަސައްކަތް ހުއްޓާލަން ކައުންސިލުން އަންގާފައި ވަނީ އެ މަސައްކަތަކީ ކައުންސިލުން ކުރަން ޖެހޭ މަސައްކަތެއް ކަމަށް ބުނެއެވެ.

ނަމަވެސް އޭނާގެ ވާހަކަތައް ދޮގުކޮށް، ކައުންސިލުން އިއްޔެ ބުނީ، އެފަދަ އެންގުމެއް ރަސްމީ ސިފައިގައި އޭނާ އަށް އަންގާފައިނުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިއަމް ޝިއުނާ "ދަ ޕްރެސް" އަށް ވިދާޅުވީ، ކަށުނަމާދުގެ މައުލޫމާތުތައް ހާމަކުރުމަކީ ކައުންސިލްގެ ރަސްމީ މަސައްކަތެއް ކަމަށާއި އެހެންކަމުން އެ މަސައްކަތާ ހަވާލުވާން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. ޝިއުނާ ވިދާޅުވި ގޮތުގައި، ކައުންސިލުން ވަނީ ކަށުނަމާދުގެ ވަގުތާއި މަރުވާ މީހުންގެ މައުލޫމާތުތައް އާންމުކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައެވެ.

އޭނާ ވިދާޅުވީ، މުނައްވަރު އެ މަސައްކަތް ކުރަމުން ދަނީ ކައުންސިލްގެ މުވައްޒަފެއްގެ ގޮތުގައި ހުރެ، ކައުންސިލަށް ލިބޭ ވަސީލަތްތަކުގެ ބޭނުންކޮށްގެން ކަމަށާއި، ކައުންސިލުން އެ މަސައްކަތާ ރަސްމީކޮށް ހަވާލުވާކަން މުނައްވަރާ އިއްޔެ ބައްދަލުކޮށް އަންގާފައި ވަނީ އެހެންވެ ކަމަށެވެ

މުނައްވަރުގެ ޕޯސްޓަކަށް މީހަކު އިއްޔެ ކުރި ކޮމެންޓަކަށް ދިން ޖަވާބުގައި އޭނާ ބުނީ، ކައުންސިލުން އޭނާ އާ އިއްޔެ ބައްދަލުކޮށް އަންގާފައިވަނީ ކައުންސިލްގެ މުވައްޒަފެއްގެ ގޮތުގައި ހުރެ، ކައުންސިލުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަން ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އޭނާ އެ މަސައްކަތް ކުރަނީ މައްޔިތާގެ އާއިލާ އިން އެދިގެން ކަމަށް، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލްގެ އަރިހުގައި ދެންނެވި ކަމަށް މުނައްވަރު ބުންޏެވެ.

ކަށުނަމާދު ޕޭޖު މެދުވެރިކޮށް މުނައްވަރު ކަށުނަމާދުގެ މައުލޫމާތު ފޯރުކޮށްދޭތާ ހަ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެ ޕޭޖަކީ 70 ހާހަށް ވުރެ ގިނަ މީހުންގެ ލައިކްތައް ލިބިފައިވާ ޕޭޖެކެވެ.