ގައުމީ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ރައީސް ސޯލިހުގެ ކެމްޕެއިން މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.

ރައީސް ސޯލިހުގެ ޕްރައިމަރީ ކެމްޕެއިން ފެށުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އަންނަ މަހުގެ 28 ވާ ހޮނިހިރު ދުވަހު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އޮންނާނެ ކަމަށާއި ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4 ގެ ކުރިން ޕްރައިމަރީ އަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު ހުށަހަޅަން އެދޭ ކަމަށް އެމްޑީޕީއިން އިއްޔެ އިއުލާނުކޮށްފައި ވަނިކޮށެވެ.

ކޮންމެ ކެންޑިޑޭޓަކު ވެސް ފޯމް ހުށަހަޅާއިރު، ހުށަހަޅަން ޖެހެނީ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދާ އެކުގައި ކަމަށް އެމްޑީޕީއިން ބުނެއެވެ.

އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރަސްމީ މަސައްކަތްތައް ފައްޓަވާފައެވެ. ނަމަވެސް އެމަނިކުފާނު ވަނީ އެމްޑީޕީގެ ދަފްތަރު ގަޑުބަޑު ވެފައި ވާކަމަށް ވިދާޅުވެ، އިންތިހާބުގެ އިންސާފުވެރި ކަމާއި މެދު ސުވާލު އުފައްދާފައެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކަމަށާއި ރައީސް ސޯލިހު ޕްރައިމަރީގައި ވާދަ ކުރައްވާނެ ވާހަކަ ވިދާޅުވުމުން ހުރިހާ ބޭފުޅުންވެސް ތިއްބެވީ ރައީސް ސޯލިހާއެކު ކެމްޕެއިން މަސައްކަތްތައް ކޮށްދެއްވަންކަން ހާމަކުރެއްވި ކަމަށެވެ.

މިރޭ ސޯލްޓް ރެސްޓޯރެންޓުގައި ބޭއްވި ބައްދަލުވުމުގައި ރީކޯ މޫސާ މަނިކާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނެ އެވެ. އަދި މަޖިލީސް މެމްބަރުން ވެސް ތިއްބެވިއެވެ.