ހދ. ނޮޅިވަރަމްގައި ނިޝާމާ މުހައްމަދު މަރާލި މައްސަލައިގެ ތުހުމަތަށް ފިރިމީހާ އަބޫބަކުރު ފައިސަލް ހައްޔަރުކޮށްފައި ވަނިކޮށް ދަންޖެހިގެން އަމިއްލަ އަށް މަރުވާން އުޅުމުން ސަލާމަތްކޮށް ފަރުވާ ދެނިކޮށް، މަރުވި ނަމަވެސް އެ މަރުގެ ތަހުގީގު ކުރިއަށް ދާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

އޭނާ ދަންޖެހުމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައި ވަނީ މިއަދު ހެނދުނު 8:28ގައި ކަމަށް އެ ހޮސްޕިޓަލާ ހަވަަލާދީ ފުލުހުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓްރީން ބުނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފައިސަލް ދަންޖެހިގެން މަރުވާން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާ ނުލާނެ ކަމަށެވެ. އަދި އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ތަހުގީގުކުރާނެ ކަމަށް ބުންޏެވެ.

ފައިސަލް އަމިއްލަ އަށް މަރުވާން އުޅުނު މައްސަލާގައި ފުލުހުންގެ އިހުމާލެއްވޭތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައިވެއެވެ.

ފައިސަލް ބަންދުކޮށްފައި ހުރި ތަނުގައި ދަން ޖެހެން މަސައްކަތް ކުރަނިކޮށް ފެނިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 11:15 ހާއިރުއެވެ.

ނިޝާމާގެ މަރުގެ މައްސަލާގައި ފައިސަލް ހައްޔަރުކޮށްފައިވަނީ މިމަހު 10 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ޖެހިއެވެ.

އެނގިފައިވާ ގޮތުގައި ނިޝާމާ މަރުވުމުން ފައިސަލް ފުރައިގެން ދިޔައީ ދަތުގެ ޑޮކްޓަރަކަށް ދެއްކުމަށް ކަމަށް ބުނެ ކުޅުދުއްފުއްޓަށެވެ. ނިޝާމާ މަރުވި އިރު، އެ ދެމަފިރިންގެ ކުޑަ ތިން ކުދިން ތިބެވެ.