އަމިއްލައަށް ކައްކައިގެންނާއި އެހެނިހެން ގޮތްގޮތުން އެކި ބާވަތުގެ އެއްޗެހި ކަމީރާ ކޮށްގެން އުފައްދާ ރާ ބޮއެގެން ގިނަ އަދަދެއްގެ ބަޔަކު އިންޑިއާގެ ބިހާރުގައި އެއްފަހަރާ މަރުވެއްޖެއެވެ.

ހަބަރުތައް ބުނާ ގޮތުން، މަރުވި 31 މީހުންގެ ފަރާތުން ވިހައިގެ އަސަރު ފެނުނު އިރު ބައެއް މީހުން ކަނުވެ ސިއްހީ އެކިއެކި މައްސަލަތައް ވަނީ ފާހަގަ ވެފައެވެ.

ބިހާރުގެ ފަގީރު ދެ އަވަށެއްގައި ހިނގި މިހާދިސާގައި އެކި ކަހަލަ އަލާމާތްތައް ފެނިގެން 55 މީހަކު ސިއްހީ ފަރުވާ ހޯދަން ދިޔަ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ރާބޮއެ މަސްތުވެގެން ދިމާވި މިހާދިސާ ހިނގި ސަރަހައްދަކީ، ފަގީރު ކަމުގެ އިންތިހާގައި އޮތް ސަރަހައްދެއްގެ އިތުރުން އެ ސަރަހައްދު ތަކުގެ ފިރިހެން ވެރިން ރާބޯން އަތުގައި ހުންނަ ލާރިކޮޅު ހަރަދު ކުރާ މައްސަލައިގައި އަންހެން ވެރިން އިހުތިޖާޖު ކުރުމާއެކު 2016 ވަނަ އަހަރު ރާ ވިއްކުން މަނާކޮށްފައި އޮތް ސަރަހައްދެކެވެ.

ބިހާރުގެ ވެރިރަށް ޕަޓޫނާ އާ 60 ކިލޯމީޓަރު ދުެުގައި އޮންނަ އަވަށް، ސަރަން ގައި މިހާދިސާ ހިނގިތާ 24 ގަޑިއިރުގެ ތެރޭގައި ފުލުހުން ވަނީ 126 މީހަކު ހައްޔަރު ކޮށްފައެވެ.

ރާބޮއެގެން މި މީހުންނަށް ދިމާވި ސިއްހީ މައްސަލަ ތަކުގެ ތެރޭގައި ލޮލުގެ ފެނުން ގެއްލުމާއި ބޯ އެނބުރުމާއި ވެއްޓޭގޮތް ވުމާއި، ދާހިއްލުމުގެ އިތުރުން ބްލަޑް ޕްރެޝަރާއި ހަކުރު މައްޗަށް ދިޔުން ހިމެނެއެވެ. ފަރުވާ އަށް ފަހު 15 މީހަކު ދޫކޮށްލި ނަމަވެސް ބައެއް މީހުން ވަނީ އިތުރު ފަރުވާއަށް ތަންކޮޅެއް ކުރިއަރާފައިވާ ހޮސްޕިޓަލްތަކަށް ފޮނުވާފައެވެ. އަދި 4 މީހަކު ހޮސްޕިޓަލަށް ދިޔަ ތަނުން ވަގުތުން މަރުވި ކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ.

ރަށްފުށުގެ ފަގީރު ހިސާބުތަކުގައޢި އަދި ކުރިއަރާފައިވާ ބައެއް މުޖުތަމައުތަކުގައިވެސް ވަގަށް ގޭގޭގަ އާއި ތަންތާނގައި ރާ ކައްކާ ކަމީރާ ކުރުމަކީ ހިނގާ ކަމެކެވެ.

ރާއްޖޭގައިވެސް، ރާއް ކައްކާ ހަދަނިކޮށް ބިދޭސީން އަތުވާ މިންވަރު މިފަހުން އިތުރުވެފައި ވާ އިރު، ބައެއް ހާދިސާތަކުގައި ދިވެހިންވެސް އަތުލާފައި ވެއެވެ.

ދިވެހި ފުލުހުން، ރާއްޖޭގެ މި މައްސަލަތައް ބަލާ ފިޔަވަޅުތައް އަޅަމުން ދިޔަ ނަމަވެސް ތަކުރާރުކޮށް ރާ ކައްކަނިކޮށް ވެސް މީހުން އަތުލެވިފައި ހުރި ކަމަށް ރެކޯޑަތަކުން ދައްކައެވެ.