ރަނގަޅު ޖީލެއް ބިނާ ކުރުމަށް ސްކޫލުން ކުރާ މަސައްކަތަކުން އެކަނި ނުފުދޭނެ ކަމަށާއި އެކަން ހާސިލް ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ 40 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށް ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާ އޮތީ ރޭ ފުވައްމުލައް ސިޓީގައި ހުންނަ، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ. ފައިސަލް ވިދާޅުވީ، ވަށައިޖެހޭ ތައުލީމެއް ފޯރުކޮށްދެވޭ ނިޒާމެއްގެ ތެރެއިން ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ އެއް ސްކޫލަކީ ޏ. އަތޮޅު ތައުލީމީ މަރުކަޒު ކަމަށެވެ. އަދި މި ފާއިތުވެ ދިޔަ ތަނުގައި ވެސް ޏ. އަތޮޅު ތައުލީމީ މަރުކަޒަކީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ މަރުކަޒެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަނގަޅު ތައުލީމީ ޖީލެއް ބިނާ ކުރެވޭނީ، މުޖުތަމަޢުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށާއި ސްކޫލެއްގައި ކިތަންމެ ފެންވަރު ރަނގަޅު ޓީޗަރުންތަކެއް ތިބި ނަމަވެސް، އަދި ވަސީލަތްތައް ހުރި ނަމަވެސް، ހަރުދަނާ ދަރިންތަކެއް ބިނާ ނުކުރެވޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެހެންކަމުން މުޖުތަމައަށާއި ގައުމަށް ފައިދާ ހުރި ޖީލެއް ބިނާކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

ސްކޫލެއްގެ ދައުރަކީ، މުޖުތަމައަށް ފައިދާ ހުރި ގައުމަށް ބޭނުން ތެރި ޖީލެއް ބިނާކުރުން ކަމަށާއި އަދި ސްކޫލުތަކުގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްވެފައިވުމުގެ މުހިއްމު ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ވަރަށް ގިނަ ދާއިރާތަކުން ދަރިވަރުންނަށް ކުރިޔަށް ދެވޭނެ ފުރުސަތުތައް ހުރިކަން ފާހަގަ ކުރައްވައި، އެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދަރިވަރުންގެ ކިބައިން ފައިސަލް އެދިވަޑައިގެންފައި ވެއެވެ.

މި ޖަލްސާގައި ޏ. އަތޮޅު ތައުލީމީ މަރުކަޒަށް ދިގު މުއްދަތެއްގައި ހިދުމަތްކޮށް ދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ. އެގޮތުން 30 އަހަރަށް ވުރެ ގިނަ ދުވަހު ޏ. އަތޮޅު ތައުލީމީ މަރުކަޒަށް ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލު ކޮށްދެއްވީ، ނައިބު ރައީސް ފައިސަލް ނަސީމެވެ. މީގެ އިތުރުން މި ޖަލްސާގައި ވަނީ ނައިބު ރައީސަށް ވެސް ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

އޭޕްރީލް 20، 1982 ގައި ހުޅުވުނު، ޏ. އަތޮޅު ތައުލީމީ މަރުކަޒަކީ މިހާރު، ގްރޭޑް 7 އިން ފެށިގެން ގުރޭޑް 12 އަށް ކިޔަވައިދޭ ސްކޫލެކެވެ.