އޮޅިގެން އެހެން މީހަކާ ހަވާލުކުރެވުނު 94000 ރުފިޔާ ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ މި ހިނގާ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައި ޓީޖެޓީގައި އޮތް ބޯޓެއްގެ ކެޕްޓަނާ ހަވާލުކުރި 94000 ދިވެހި ރުފިޔާ ލާފައިވާ ސިޓީ އުރައެއް ލިބެންވާ ފަރާތަށް ނުލިބި ގެއްލިފައިވާ މައްސަލަ މި މަހުގެ 12 ވަނަ ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާ ކަަމަށެވެ.
މާފަންނު ޕޮލިހަށް މި މައްސަލަ ހުށަހެޅުމުން ސީސީޓީ ފުޓޭޖު ބެލި ނަމަވެސް ފުޓޭޖުން ބޯޓު ދެނެގަނެވިފައިނުވާތީ، ބޯޓު އޮތް ސަރަހައްދަށް ފުލުހުން ގޮސް އެ ސަރަހައްދުން އެކި މީހުންނާ ސުވާލުކޮށް މައުލޫމާތު ހޯދައި، ކުރެވުނު މަސައްކަތުން ބޯޓު ދެނެގަނެވި ކެޕްޓަނާ ގުޅާފައި ވެއެވެ.
ފުލުހުން ބުނީ، ބޯޓުގެ ކެޕްޓަނާ ގުޅުމުން ބޯޓު އޮތީ ވ. އަތޮޅުގައި ކަމަށާއި މީހަކު ގެނެސްދިން ސިޓީ އުރައެއް ބޯޓުގައި ހުރި ލޮކަރުގައި އޮތްކަމަށް ކެޕްޓަން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ފައިސާތައް ފެބުރުވަރީ 23 ވަނަ ދުވަހުގެ ރޭ ކެޕްޓަން ފުލުހުންނާ ހަވާލުކޮށްފައިވެއެވެ.
މި ފައިސާއަކީ ދ. އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަކަން ތަހުގީގަށް އެނގިފައިވާއިރު ރިސޯޓަށް ފޮނުވުމަށްޓަކައި ފައިސާ ހަވާލުކުރެވިފައިވަނީ ހަވާލުކުރަންޖެހޭ ބޯޓުގެ ކެޕްޓަން ނޫން އެހެން ބޯޓެއްގެ ކެޕްޓަނާކަން ވެސް ތަހުގީގަށް ވަނީ ހޯދިފައެވެ.
ނަގުދު ފައިސާ ގެންގުޅުމުގައާއި ފައިސާ މީހުންނާ ހަވާލުކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފައިސާ ހަވާލުކުރާއިރު، ހަވާލުކުރާ ފަރާތަކީ ކާކުކަން ޔަގީންކުރުމާއި، ބޯޓުގެ ނަމާއި ގުޅޭނެ މައުލޫމާތު ކަށަވަރުކުރުމުގެ އިތުރުން، ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް ނުވަތަ ޑިޖިޓަލް ކަށަވަރުކުރުމެއް ހޯދުމަކީ މިފަދަ ކަންކަން މަދުކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަދި މިގޮތަށް އަމަލުކޮށް، އެފަދަ މައުލޫމާތު އެއްކުރުމަށް ސަމާލުކަން ދިނުމަކީ މާލީ ބޮޑެތި ގެއްލުންތަކުން ސަލާމަތްވެ، މިފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވެއެވެ.
