ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މެގަޓްރޯން މޮޓޯސްއިން އިތުރު މީހެއްގެ އަތުން ފައިސާ ނެގިތޯ ބަލަން ފަށައިފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް އަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.

އެ ކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކަވާފައިވާ ފަރާތެއް ވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅާ އެކަން ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގާ ވެހިކަލް ނުގެނެސްދީ ހުރި މިފަދަ މައްސަލަތައް މީގެ ކުރިން ތަހުގީގުކޮށް، ކޯޓުން ހުކުމްކޮށްފައިވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ބަގީއާއި ޕިކަޕް ކާރު ފަދަ ތަކެތި ގެެނެސްދޭނެ ކަމަށް ބުނެ ފައިސާ ނަގާ އޮޅުވާލާފައި ހުރި މައްސަލަތައް ހިމެނެއެވެ.