ސިނަމާލެ ބްރިޖުމަތިން ހުއްޓުވި ކާރަކުން ފެނުނު ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކުރި ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެ ސިޓީގައި މިމަހު 13 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު 32 އަހަރުގެ ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ.

އެމީހުންގެ ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ގެންދިއުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 15 ދުވަސް ދީފައެވެ.

އެ ދެމީހުން ކޯޓުގައިވަނީ ކާރުގައި ހުރީ ބަނގުރާކަން ނޭންގޭ ކަމަށާއި، އެތަކެތި ހުރީ ކަޅު ކޮތަޅަކަށް ލާފައި ކަމަށް ބުނެފައެވެ.

މި މައްސަލައިގައި ބަންދު ކޮށްފައިވާ ދެމީހުންނަކީ ވެސް މީގެކުރިްނ ހައްޔަރު އަދި ބަންދު ރެކޯޑް އޮތް ދެމީހުންނެވެ.

އެ މީހުން ދުއްވި ކާރު ސިނަމާލެ ބްރިޖުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު 264 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.