ޖަލުން ފަރުވާ ހޯދައި އަލުން މުޖުތަމައަށް ނުކުތުމަށް ލިބޭ ފުރުސަތު ބޭކާރުކޮށްނުލުމަށް، ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ގައިދީންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ޕްރިޒަން ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން، ނުވަތަ ޖަލުން މަސްތުވާތަކެއްޗަށް ފަރުވާ ހޯދުމުގެ ދެވަނަ ބެޗު އިފްތިތާހުކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސީޕީ އަހްމަދު ވިދާޅުވީ، ގައިދީން އިސްލާހުކޮށް އަލުން މުޖުތަމައަށް ނެރުމަށްޓަކައި ކަރެކްޝަންސްގެ އިދާރީ ހިންގުމަށް ބަދަލު ގެނެސް، ފަންނީ މުވައްޒަފުން އިތުރުކޮށްފައިވާ ކަމަށެވެ.

ގައިދީންނަށް މި ދެވޭ ފުރުސަތަކީ މުހިންމު ފުރުސަތެއްކަން ފާހަގަކުރައްވައި ސީޕީ އަހްމަދު ވިދާޅުވީ، ޖަލުގައި ބައިތިއްބައިގެން ގައިދީންނަށް ފަރުވާދެމުން ދާއިރު، ފަރުވާ ފުރިހަމަކުރުމަށްޓަކައި ގައިދީން ވެސް ޒިންމާ އަދާކުރަން ޖެހޭނެ ކަމަށެވެ. އޭނާ ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށް އަލުން މުޖުތަމައަށް ނުކުތުމަށް ލިބޭ ފުރުސަތު ބޭކާރުކޮށްނުލުމަށް ގައިދީންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަދި އުންމީދަކީ މި ފަރުވާ ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ގައިދީން ވެސް މުޖުތަމައަށް ނިކުމެ ރަނގަޅު ނަމޫނާ އެއް ދެއްކުން ކަމަށާއި، ހިތްހަމަޖެހުމަކީ ޖަލުގައި ދެވޭ ފަރުވާ ފުރިހަމަކުރުމަށް ފަހު މުޖުތަމައަށް އަލުން ނިކުމެ، ޒިންމާދާރު މީހަކަށްވާ ތަން ފެނުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ޖަލުގައި ބައިތިއްބައިގެން ގައިދީންނަށް ފަރުވާ ދިނުމުގެ ޕްރޮގްރާމްގެ ދެވަނަ ބެޗު މާފުށީ ޖަލުގައި އިއްޔެ ފަށާފައިވަނީ 44 ގައިދީންނާ އެކުގައެވެ. ކަރެކްޝަންސް އިން ބުނީ، ހަތަރު މަރުހަލާއެއްގެ މައްޗަށް އެކުލެވިގެންވާ މި ޕްރޮގްރާމަކީ މަސްތުގެ ވަބާގައި ޖެހިފައި ތިބި ގައިދީންނަށް ފަރުވާދީ، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށްޓަކައި ފަރުވާ ދިނުމުގެ އިތުރުން، ވަޒީފާގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމެއް ކަމަށެވެ.

ޕްރިޒަން ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް އެކުލެވިގެންވާ ހަތަރު މަރުހަލާ:

  • 21 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޑިޓޮކްސިފިކޭޝަން މަރުހަލާ
  • ރިހެބިލިޓޭޝަން މަރުހަލާ. މި މަރުހަލާ ގައި ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން، ގައިދީންނަށް ނަފްސާނީ އެހީތެރިކަން ދޭނެ، އަދި ދިރިއުޅުމުގެ ހުނަރު ދަސްކޮށްދޭނެ
  • ގައިދީން އަލުން މުޖްތަމައަށް ނެރުމުގެ ކުރިން މުޖްތަމައަށް ނެރުމުގައި ހުރި ހިރާސްތައް ދެނެގަތުމަށްޓަކައި ރިސްކް އެސެސްމަންޓްތައް ހަދައި، މުޖުތަމައުން ލިބެން ހުރި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ ޕެރޯލްގެ ދަށުން ނެރުމަށް މަސައްކަތްކުރުން
  • ޕްރޮގްރާމްގެ ދަށުން ނެރެފައިވާ ގައިދީން މޮނިޓާކުރުން

ކަރެކްޝަންސް އިން ބުނީ މިދިޔަ ފެބްރުއަރީ 27 ގައި 40 ގައިދީންނާ އެކު ފެށި މި ޕްރޮގްރާމްގެ ފުރަތަމަ ބެޗު މިދިޔަ އޮގަސްޓު 23 ގައި 32 ގައިދީންނާ އެކު ނިންމާލާފައިވާ ކަމަށެވެ.