އުމުރުން 100 އަހަރު ފުރިފައިވާ ލީ ސަވީނޯ ކިޔައިދިނީ ދިގު އުމުރެއް ބޭނުންވުމުން އޭނާ ކުރަން ފެށި ކަންތައްތަކުގެ ވާހަކައެވެ.

މިދިޔަ އޮގަސްޓް މަހު 100 އަހަރު ފުރުނު ލީ ބުނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުން ދިގު އުމުރެއް ލިބިގެންދާނެ ކަމަށެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބުރަ މަސައްކަތް ކުރަން ޖެހޭ ކަމަށާއި އޭނާ އެ މަސައްކަތް ފެށީ 1983 ވަނަ އަހަރުގައި ކަމަށެވެ. ލީ ބުނީ 1983 ވަނަ އަހަރުން ފެށިގެން ކޮންމެ ދުވަހަކު ގަވައިދުން އޭނާ ތިން ގަޑިއިރު ކަސްރަތަށް ވަގުތު ހޭދަކުރާ ކަމަށެވެ.

ހަފްތާ އަކު ފަސް ދުވަހު ކަސްރަތު ކުރާކަމަށް ލީ ބުނި އިރު އޭނާ ބުނީ އޭނާ ކަސްރަތު ކުރަން ފަށަނީ ހެނދުނު 7:30 ގައި ކަމަށެވެ. އެގަޑީގައި ފަށާ ގޮތަށް ކަސްރަތު ކުރުން ނިންމާލަނީ 10:30 ގައެވެ. ލީ ބުނީ ކަސްރަތު ކޮށްގެން އެކަނި ފައިދާ ނުވާނެ ކަމަށާއި ކެއުމަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށެވެ.

"އަހަރެން ކަނީ ގިނައިން މޭވާ އާއި ތަރުކާރީ. ދެން ސީފުޑްގެ ބާވަތްތައް. އެއީ ވަރަށް ރަނގަޅު އެއްޗެއް،"

ލީ ބުނީ އޭނާ އަށް 100 އަހަރުވި ކަން އިހުސާސް ނުވާ ކަމަށާއި އޭނާގެ އުމުރުން 30 އަހަރުވުމާއި މިއަދާ އެއްފަދަ ކަމަށެވެ. އުމުރު ދުވަސްވާ ވަރަކަށް ބަލިތައް ޖެހި ގިނައިން ބޭސްކާން ޖެހޭ ކަމަށާއި އެ ބޭސްތަކަކީ ހަށިގަނޑަށް ވަރަށް ނުރައްކާ އެއްޗެއް ކަމަށް ވުމުން އެކަމުން ދުރުހެލިވުމަށް ކަސްރަތު ކުރަންޖެހޭ ކަމަށް ލީ ބުންޏެވެ.