ގާޒީ ސްކޫލްގައި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެ، އެ ސަބަބާ ހެދި އިހްތިޖާޖަށް ނުކުތް ޓީޗަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ، އިހްތިޖާޖުގައި ބައިވެރިވި ޓީޗަރުން ގޯސްކޮށް އެޑިއުކޭޝަން މިނިސްޓްރީން ރައްދުދީފިއެވެ.

މިއަދު ހެނދުނު ދަންފަޅީގެ ކިޔެވުން ނިމުމުން، ގާޒީ ސްކޫލްގައި ކިޔަވައިދޭ ޓީޗަރުން ވަނީ، އެ ސްކޫލްގެ ކުރީގެ އެޑްމިނިސްޓްރޭޓަރު ކޮރަޕްޝަންގެ އަމަލުތައް ކުރި އިރު އެޑިއުކޭޝަން މިނިސްޓްރީން އެކަމާ މެދު ފިޔަވަޅު ނާޅައި، ބަދަލުގައި ބޮޑު މަގާމެއް ދިން ކަމުގެ ތުހުމަތުކޮށްފައެވެ.

އެ ތުހުމަތުތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައި އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ގާޒީ ސްކޫލްގެ މުދަލާއި ފައިސާ ބެލެހެއްޓުމާ ގުޅުންހުރި މައްސަލަތައް ފާހަގަކުރެވުމުން މިނިސްޓްރީން އިންޓާނަލް އޮޑިޓެއް ހަދައި ބެލިބެލުމުން، ގާޒީ ސްކޫލްގެ މުދަލާއި ފައިސާ ހަރަދުކުރުމުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް ބައެއް ކަންކަން ހިނގާފައިވާކަން ފާހަގަކުރެވި އެ މައްސަލަތައް ބެލުމަށް އިދާރީ ތަހްގީގެއް ހިންގާފައިވާ ކަމަށެވެ.

އިދާރީ ތަހްގީގު ކުރިއަށް ދިޔަ މަރުހަލާގައި ބަލަމުންދިޔަ ކަންކަމުގެ އިތުރުން އިތުރު ކަންކަމުގެ މައުލޫމާތު ލިބި ބަޔާންތައް ނެގުމުގެ މަރުހަލާ ދިގުލައިގެން ދިޔަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ މައްސަލަތަކުގެ އިތުރުން، ގާޒީ ސްކޫލްގެ ދެ މުވައްޒަފަކު ސެޓްފިކެޓްތަކެއް ފޯޖުކުރި މައްސަލަ ހުށަހަޅާފައިވަނީ މިނިސްޓްރީ އަށް ހުށަހެޅި ރިޕޯޓު އެކުލަވާލި ފަހުން ކަމަށާއި، އެ ސްކޫލްގެ މުވައްޒަފަކު ވަގަށް ޓީވީ އެއް ގެންދިޔަ މައްސަލަ ވެސް ބަލަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ. ދެ މައްސަލައިގައި ވެސް ޖިނާއީ ކުށްތަކެއް ހިމެނޭތީ، މިނިސްޓްރީން ބުނީ އެ މައްސަލަތައް އިތުރަށް ތަހްގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ބައެއް ޓީޗަރުން ތުހުމަތުކުރާ ގޮތުގައި، ގާޒީ ސްކޫލްގެ ކުރީގެ އެޑްމިނިސްޓްރޭޓަރު ކޮރަޕްޝަންގެ އަމަލުތައް ހިންގިއިރު، އެޑިއުކޭޝަން މިނިސްޓްރީން އޭނާ އާ މެދު ފިޔަވަޅެއް ނާޅައެވެ. ނަމަވެސް އޭގެ ބަދަލުގައި އޭނާ އަށް މިނިސްޓްރީން ބޮދު ވަޒީފާ އެއް ދިން ކަމަށް ޓީޗަރުން ތުހުމަތުކުރެއެވެ. އެ ތުހުމަތުތައް ދޮގުކޮށް އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ގާޒީ ސްކޫލްގެ ކުރީގެ އެޑްމިނިސްޓްރޭޓަރު މިނިސްޓްރީގެ ޑިޕާޓްމަންޓަކަށް ވަގުތީގޮތުން މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ބަދަލުކޮށްފައި ވަނީ ޖަވާބުދާރީކުރުމުގެ މަރުހަލާ ކުރިއަށް ދާއިރު ސްކޫލްގައި އޭނާ ހުރުމުން އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ފާހަގަކުރެވޭތީ ކަމަށެވެ.

އެކަން ކުރީ ޕްރޮމޯޝަނެއްގެ ގޮތުގައި ނޫން ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

"މިގޮތަށް މި މިނިސްޓްރީން އަމަލުކުރަމުން ދަނިކޮށް އަދި މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތައް ސްކޫލް ހިންގެވުމާ ހަވާލުވެ، ހުރި ފަރާތާ ހިއްސާކުރަމުން ގެންދަނިކޮށް، އެޑްމިނިސްޓްރޭޓަރަށް ޕްރޮމޯޝަނެއް ދީފައިވާ ކަމަށް ބުނެ، ސްކޫލްގެ މުވައްޒަފުންތަކެއް އިހުތިޖާޖްކުރި މައްސަލައެއް މިހާރު އަޅުގަނޑުމެން ބަލަން ފަށާފައިވާ ވާހަކަ ވެސް މައުލޫމާތަށްޓަކާ ދަންނަވަމެވެ." ބަޔާން ނިންމާލަމުން އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އިހްތިޖާޖުކުރި ޓީޗަރުން ވަނީ ބައެއް ކްލާސްރޫމްތައް ކޮތަރު ގުޔާއި ނަޖިހުން ފުރިފައިވާ ކަމަށް ބުނެ، ކްލާސްރޫމްތަކުގެ ސާފުތާހިރުކަމަށް ޒިންމާވާނީ ކޮން ބައެއްތޯ ވެސް ސުވާލު އުފައްދައިފައެވެ.

ގާޒީ ސްކޫލްގެ ޓީޗަރުން އިހްތިޖާޖު ކުރަނީ / ފޮޓޯ: އެމްވީކްރައިސިސް

އޭގެ އިތުރުން، ބެލެނިވެރިން އެ ސްކޫލަށް ހަދިޔާކުރި ޓީވީތަކުގެ ތެރެއިން ބައެއް ޓީވީތައް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމާއި، ކިޔަވައިދެމުން ދިޔަ ވަގުތު ކްލާސްރޫމްގެ ތެރެއަށް ފަންކާ ވެއްޓި އެކަމުގެ ސަބަބުން ދަރިވަރުން ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހުން ފަދަ ޝުއޫރުތައް ޓީޗަރުން ފާޅުކޮށްފައިވެއެވެ.

މީގެ ކުރިން ވެސް ގާޒީ ސްކޫލްގެ ބައެއް މައްސަލަތައް ސޯޝަލް މީޑިއާގައި ފެންމަތިކޮށްފައިވެއެވެ. އެގޮތުން، އެ ސްކޫލްގެ ޕީޓީއޭ އިން އިސްނަގައިގެން ހިންގި ނައިޓް މާކެޓުގެ ފައިސާ ސްކޫލްގެ ބަޖެޓަށް ވަދެފައި ނުވުމާއި، އެ ސްކޫލްގެ އައިޓީ ސާމާނު ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާ ކަމާއި، ޑެޕިއުޓީ ޕްރިންސިލޕަލް އައިމިނަތު ރިޔާޒާ އަމިއްލަ ގަވައިދުތަކެއް ހައްދަވައި މުވައްޒަފުންނަށް މަސައްކަތުގެ ބިރު ދައްކަމުންދާ ކަމަށް އެ ޕޯސްޓުގައިވެއެވެ.