ގދ. ގައްދޫގައި ތަރައްގީކުރާ ގޭދޮށު މަސްފެކްޓްރީގެ މަސައްކަތް ލަންކާގެ ސިލިކް ލަންކާއާ ހަވާލުކޮށްފިއެވެ.
ގައްދޫ ކައުންސިލާއި ސިލިކް ލަންކާއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.
އެ މަޝްރޫއާ ގުޅޭގޮތުން ގައްދޫ ކައުންސިލުން ބުނީ އެއީ 5 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާއި މި މަޝްރޫއުގެ ތެރޭގައި އޮޕަރޭޝަންގެ 60 ޕަސެންޓް މުވައްޒަފުންގެ ގޮތުގައި ދިވެހި މުވައްޒަފުން ހިމެނުމާއި މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރެވޭނެ އެންމެ ޒަމާނީ ނިޒާމެއް ގާއިމްކުރުން ހިމެނޭ ކަމަށެވެ.
ދަޅު މަސް ބަންދުކުރުމާއި 25 މެޓްރިކް ޓަނުގެ ބްލޮކް އައިސް ޕްލާންޓެއް ގާއިމްކުރުމާއި 10 ޓަނުގެ ފްލޭކް އައިސް ޕްލާންޓެއް ގާއިމްކުރުމާއި 100 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ބްލާސްޓް ފްރީޒާއެއް ބެހެއްޓުމުގެ އިތުރަށް އެއް މިލިއަން ޑޮލަރުގެ ފިޝް މީލް ޕްލާންޓެއް ގާއިމްކުރުން އެ މަޝްރޫގެ ދަށުން ހިމެނޭއިރު އެ މަޝްރޫއުގެ ސަބަބުން އިގްތިސޯދީ ގޮތުން ހެޔޮ ބަދަލުތަކެއް ރަށަށް އަންނާނެ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
ގައްދޫ ކައުންސިލުން ބުނީ އުންމީދަކީ ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި މި މަޝްރޫއުގެ ފައިދާ ގައްދުއާއި ހުވަދޫގެ ރައްޔިތުންނަށް ލިބިގެން ދިއުން ކަމަށެވެ.