ގަތަރުގައި ހިނގަމުންދާ ފީފާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފިއެވެ. އާޖެންޓީނާ ފައިނަލަށް ދިޔައީ މިރޭ ކުޅުނު ސެމީ ފައިނަލްގައި 3-0 އިން ކްރޮއޭޝިޔާ ބަލިކޮށްގެންނެވެ.

މެޗު ފަށައިގެން އައި އިރު ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކްރޮއޭޝިޔާއިން ކުޅެމުން ދިޔަ ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖެހީ އާޖެންޓީނާއިންނެވެ. އެއީ ކްރޮއޭޝިޔާގެ ކީޕަރު ކުރި ފައުލެއްގެ ސަބަބުން އާޖެންޓީނާއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. މި ޕެނަލްޓީ އާޖެންޓީނާއަށް ޖަހާ ދިނީ ކެޕްޓަން ލައިނަލް މެސީއެވެ.

މިލަނޑާއެކު މެސީވެފައިވަނީ ވޯލްޑްކަޕްގައި އާޖެންޓީނާއަށް އެންމެ ގިނަ ލަނޑު ޖަހާ ދިން ކުޅުންތެރިޔާއަށެވެ. އަދި މިއީ އޭނާ މިމުބާރާތުގައި ޖެހި ފަސްވަނަ ލަނޑަށް ވާ އިރު މެސީ މިވަނީ ލަނޑު ޗާޓުގެ ކުރީގައި އޮތް މަމްބާޕޭއާ އެއްވަރުކޮށްފައެވެ.

މެޗުގައި ދެން ވެސް ލަނޑު ޖެހީ އާޖެންޓީނާއިންނެވެ. މިގޮތުން މެސީ ކުރިއަށް ފޮނުވާލި ބޯޅައެއް ހިފައިގެން ދިޔަ ޖޫލިއަން އަލްވަރޭޒް ބޯޅަ ގޯލަށް ވައްދާލީ ކްރޮއޭޝިޔާގެ ކުޅުންތެރިން ތަކެއްގެ ތެރެއިން ލާފަ ގޮހެވެ.

މެސީ އަދި އަލްވަރޭޒް މިމެޗުގައި ލަނޑު ޖެހި/ފޮޓޯ: ފީފާ

ކުއާޓާ ފައިނަލްގައި ބްރެޒިލް ބަލިކުރި ކްރޮއޭޝިޔާއަށް މިމެޗުގައި މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައި ނުވާ އިރު މެޗުގެ ދެވަނަ ހާފްގައި އާޖެންޓީނާއިން އެޓީމުގެ ތިން ވަނަ ލަނޑު ޖެހިއެވެ.

މެސީގެ ޅަދުވަހުގެ ކުޅުން ދައްކާ އޭނާ މިލަނޑު އުފެއްދި އިރު ކްރޮއޭޝިޔާގެ އޭރިއާ ތެރެއިން އޭނާ އަލްވަރޭޒްއަށް ޕާސް ދިނީ މުޅިން ހުސްކޮށްލާފައެވެ. އަދި މިއާއެކު އަލްވަރޭޒް މި މެޗުގައި ޖެހި ދެވަނަ ލަނޑު ގޯލުގެ ތެރެއަށް ވައްދާލާ އާޖެންޓީނާ ވޯލްޑްކަޕް ފައިނަލްއަށް ހަ ވަނަ ފަހަރަށް ގެންގޮސް ދިނެވެ.

މީގެ ކުރިން ދެ ފަހަރު ތަށި ހޯދި އާޖެންޓީނާ ފައިނަލްގައި ކުޅެން ޖެހޭނެ ޓީމު އެނގިގެންދާނީ މާދަމާ ރޭ ފްރާންސް އަދި މޮރޮކޯ ވާދަކުރާ ސެމީގެ ދެވަނަ މެޗު ނިމުމުންނެވެ.

ވޯލްޑްކަޕް މުބާރާތުގައި ބާކީ ދެން ތިން މެޗު އޮތް އިރު ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު ރާއްޖޭ ގަޑިން ރޭގަނޑު 8 ޖަހާ އިރެވެ.