މިދިޔަ ހޮނިހިރު ދުވަހު ހދ. ނޮޅިވަރަމް ނިޝާމާ މުހައްމަދު މަރާލި ކަމުގެ ތުހުމަތު ހައްޔަރުކުރި އޭނާގެ ފިރިމީހާ، އަބޫބަކުރު ފައިސަލް އަމިއްލައަށް މަރުވާން އުޅުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ މެދުވެރިކޮށް ބަލައިދިނުމަށް އެދި ހުށަހަޅައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުން ބެލެހެއްޓުމަކީ ދިވެހި ފުލުހުންގެ ޒިއްމާއެއް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް މިފަދަ ނުރައްކާތެރި އަމަލެއް ހިންގިއިރު ފުލުހުންނަށް އެކަން ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެއްކަމުގައި ބެލުމުގެ ފުރުސަތު އޮތް ކަމަށެވެ.

ހާއްސަކޮށް ފައިސަލްގެ ކުށުގެ ރެކޯޑާއި ތުހުމަތު ކުރެވޭ ކަންކަމަށް ބަލާއިރު އެފަދަ ތުހުމަތު ކުރެވޭ މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމައަށް އަޅާފައި ނުވާކަން ހާމަވާ ކަން ފާހަގަ ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ މިކަމަކީ ފުލުހުންގެ ޒިންމާދާރު ކަމާމެދު ރައްޔިތުން ކުރަން ޖެހޭ އިތުބާރު ކުޑަވާނެ ކަމެއް ކަމަށާއި މަރާލާފައިވާ މީހާގެ އާއިލާއަށް އިންސާފު ލިބުމަށް ހުރަސް އެޅޭނެ ކަމެކެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ފައިސަލް ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް ދަންޖެހިގެން އަމިއްލައަށް މަރުވާން އުޅުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް ވޭތޯއާއި މިފަދަ ކަންކަން ކުރިމަގުގައި ދިމާނުވާނެ ގޮތްތަކެއް ހެދުމަށްޓަކައި ފުލުހުން މަސައްކަތް ކުރައްވަމުންދާކަން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ މެދުވެރިކޮށް ބަލައިދިނުމަށް އެދިފައިވާ ކަމަށެވެ.