މާލޭގެ ގެއެއްގެ ފާހާނާއެއްގެ ތެރެއަށް ވެއްޓިފައި އޮތް މީހަކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗުން ބުނީ، ފާހާނާ އަށް ވެއްޓި އަނިޔާވެފައިވާ މީހާ އަށް ފަރުވާދެމުންދާ ކަމަށެވެ. އެގޮތުން ފަރުވާ ދެމުން ދަނީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، މ. ބަދުރުގޭގެ ފާހާނާ އަށް ވަން މީހެއްގެ ހަބަރެއް ނުވެގެން މިއަދު ހެނދުނު 9:15 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި، އެހެންވެ ފުލުހުން އެ ގެއަށް ގޮސް ފާހާނާ ތެރެއަށް ވެއްޓިފައިވާ މީހާ އައިޖީއެމްއެޗަށް ގެންދިޔައީ ކަމަށެވެ.

މި ހާދިސާގެ މާ ބޮޑު ތަފްސީލެއް މީޑިއާ އަށް ދީފައިނުވި ނަމަވެސް، އެ ހާދިސާއާ ގުޅިގެން އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާކުރަމުން ދާނެ ކަމަށް ފުލުހުން ބުންޏެވެ.