އައްޑޫ ސިޓީ ހިތަދޫ ފަޅު ގެއެއްގެ ތެރެއިން ބަނގުރާ ކައްކާ ސާމާނުތަކެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ، އެ ތަކެތި ހޯދާފައި ވަނީ ހިތަދޫގައި މަސައްކަތްކުރާ ފުލުހުން މިއަދު ރަށުތެރެ ޕެޓްރޯލުކުރަމުގެ ތެރޭގައި އެ ރަށު ފަޅުގެއެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 15 ހަމާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާއިރު މިމައްސަލައިގައި މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ވެސް އައްޑޫގެ ބައެއް އަވަށްތަކުން ބަނގުރާ ކައްކާ ސާމާނުތަކެއް ވަނީ ފެނިފައެވެ. އަދި އެފަދަ ބައެއް މައްސަލަތަކުގައި ބައެއް މީހުން ވަީ ހައްޔަރު ވެސް ކޮށްފައިވެއެވެ.

މިގޮތުން މީގެ ކުރިން ހިތަދޫ ވަލުތެރެއިންނާއި އަދި ފަޅު ގެއަކުން ރާ ކައްކަން ތައްޔާރުކޮށްފައިވާ ތިން ތަނެއް، ތަކެއްޗާއެކު ވަނީ ހޯދާފައެވެ. އެފަހަރު ކައްކާފައި ހުރި 500 މިލި ލީޓަރުގެ 12 ފުޅި އާއި ފަސް ލީޓަރުގެ އެއް ފުޅި ފުލުހުން ވަނީ ހޯދާފައެވެ.