ޕޯޗުގަލް އަށް ވޯލްޑްކަޕް ތައްޓެއް ހޯދައިދިނުމަށް ދެއްކުމުން އައި ހުވަފެން ދެން ހަގީގަތަކަށް ނުވާނެ ކަމަށް އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯ މިހެން ބުނެފައިވަނީ މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޕޯޗުގަލް ކެޓި ފަހުން އޭނާ ކުރި ފުރަތަމަ ސޯޝަލް މީޑިއާ ޕޯސްޓްގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ކުއާޓާ ފައިނަލް މެޗުގައި މޮރޮކޯގެ އަތުން ޕޯޗުގަލް ބަލިވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. މިމެޗަށް ޕޯޗުގަލް އިން ނެރުނު ފުރަތަމަ 11 ގައި ރޮނާލްޑޯ ހިމަނާފައި ނުވާ އިރު އޭނާ ވަނީ މެޗުގެ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެފައެވެ.

މިއީ ރޮނާލްޑޯގެ ފަހު ވޯލްޑްކަޕް ކަމަށް ބެލެވޭ/ފޮޓޯ: ޓުވިޓާ

ރޮނާލްޑޯގެ އިންސްޓަގްރާމް ޕޭޖްގައި ކުރި ޕޯސްޓްގައި ބުނީ ޕޯޗުގަލް އަށް ވޯލްޑްކަޕް ތަށި ހޯދައިދިނުމަކީ އޭނާގެ ކެރިއަރުގައި ވެސް ދެކުނު އެންމެ ބޮޑު އަދި އެންމެ މުހިންމު ހުވަފެން ކަމަށެވެ. ރޮނާލްޑޯ ބުނީ މި މުބާރާތުގައި އޭނާ ގައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރި ކަމަށާ އޭނާއާ ބެހޭ ގޮތުން އެތަށް ވާހަކައެއް ދެކެވި އެތަށް ހަބަރެއް ލިޔެވުނަސް ޕޯޗުގަލްއަށްޓަކައި އޭނާވީ ގުރުބާނީތަކާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ.

ރޮނާލްޑޯގެ ޕޯސްޓުގައި ގައުމީ ޓީމާ ދުރަށް ދާނެ ކަމާ މެދު އެއްވެސް އެއްޗެއް ބުނެފައި ނުވާ އިރު އޭނާ ބުނީ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ގައުމަށް އޭނާ ފުރަގަސް ނުދޭނެ ކަމަށެވެ.

ހޮނިހިރު ދުވަހުގެ މެޗުގެ އިތުރުން މުބާރާތުގެ ގަދަ 16 ގައި ސުވިޓްޒަލޭންޑާ ދެކޮޅަށް ޕޯޗުގަލް އިން ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ވެސް ރޮނާލްޑޯ ހިމަނާފައެއް ނުވެއެވެ. މިއާއެކު އޭނާ ޓީމު ދޫކޮށް ދާނެ ކަމުގެ އިންޒާރު ކޯޗަށް ދިން ކަމަށް ބުނެ މީޑިއާގައި ވާހަކަ ފެތުރުނެވެ. އެހެންނަމަވެސް ޕޯޗުގަލްގެ ޓީމުން މި ވާހަކަތައް ދޮގު ކުރިއެވެ.

މިއީ އުމުރުން 37 އަހަރުގެ ރޮނާލްޑޯގެ ފަހު ވޯލްޑްކަޕް ކަމަށް ބެލެވޭ އިރު އޭނާ ވަނީ މި ވޯލްޑްކަޕްގައި ކުޅެ ލަނޑެއް ޖަހާ ތާރީހުގެ ތެރޭގައި ނަން ލިޔެފައެވެ. އެއީ ފަސް ވޯލްޑް ކަޕް މުބާރާތުގައި ލަނޑެއް ޖެހުނު ހަމައެކަނި ފިރިހެން ކުޅުންތެރިޔާއަށް ވެގެންނެވެ. ގަތަރު 2022 ގައި ރޮނާލްޑޯ އަށް ޖެހުނީ އެންމެ ލަނޑެކެވެ.