އީރާނުން ކުރިއަށް ގެންދާ ނިއުކްލިއާ ޕްރޮގްރާމަކީ މަދަނީ ބޭނުންތަކުގައި ކުރިއަށް ގެންދާ ސުލްހަވެރި ޕްރޮގްރާމެއް ކަމަށް ބުނި ނަމަވެސް އެމަގުން ކައްސާލައި ނިއުކްލިއާ ހަތިޔާރު ހޯދައިފިނަމަ ސަރަހައްދީ ގައުމުތަކުން އަމިއްލަ ދިފާއަށް ތައްޔާރުވާނެ ކަމަށް ސައުދީން ބުނެފިއެވެ.
ސައުދީ ފޮރިން މިނސިްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދު ވިދާޅުވީ، މިހާރު ހުއްޓާލާފައި އޮތް އީރާނުގެ ނިއުކްލިއާ މަޝްރޫއަކީ ފެށުމެއް ކަމަށާއި އެއީ ނިމޭ ހިސާަބު ނޫން ކަމަށެވެ. ނަމަވެސް އެނޫން ގޮތަކަށް ހާލަތު ބަދަލުވެ، އީރާނުން ނިއުކްލިއާ ހަތިޔާރު ފައްކާކޮށް ނުވަތަ ހޯދައިފި ނަމަ މިހާތަނަށް އޮތް އެއްބަސްވުންތައް ނިމުމަކަށް އަންނާނެ ކަމަށާއި، ސަރަހައްދީ ގައުމުތަކުގެ ދިފާއަށް އެގައުމަކަށް މަސައްކަތް މަޖުބޫރު ވާނެ ކަމަށެވެ.
އަބޫދާބީގައި އޮތް ވޯލްޑް ޕޮލިސީ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އޭނާ އިތުރަށް ވިދާޅުވީ، ތެހެރާންގެ ނިއުކްލިއާ ޕްރޮގްރާމުގެ ސަބަބުން މެދުއިރުމަތި އޮތީ ވަރަށް ނުރައްކާ ހާލަތެއްގައި ކަމަށާއި، އީރާނުން އެ ހަތިޔާރު ހޯދައިފިނަމަ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސަރަހައްދުގެ ކޮންމެ ގައުމަކަށްވެސް މަޖުބޫރު ވާނެ ކަމަށެވެ.
2018 އިން ފެށިގެން ހުއްޓާލާފައި އޮތް ނިއުކްލިއާ ޕްރޮގްރާމު އިތުރަށް ކުރިއަށް ގެންދާނެ ކަމުގެ ވާހަކަތައް އީރާނުން ދައްކަން ފެށުމުން އދ ގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ އިދާރާގެ ވެރިޔާވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ހުޅަނގުން ތުހުމަތު ކުރާ ގޮތުގައި، ޔޫކްރައިން-ރަޝިއާ ހަނގުރާމަ އާއި އުމުރުން 22 އަހަރުގެ މާޝާ އަމީނީގެ މަރާ އެކު އީރާނުގެ ނިއުކްލިއާ ސިޔާސަތު އެގައުމުން އަންނަނީ ބަދަލު ކުރަމުންނެވެ. އެއާއެކު މިހާރު އީރާނާއެކު ހަދާފައި އޮތް އެއްބަސްވުން މުރާޖައާ ކޮށް އިތުރަށް ޔަގީންކަން ހޯދުމަށް ސައުދީންވެސް ބޭނުން ވެއެވެ. އެގޮތުން މުރާޖައާ ކުރާ އިރު އީރާނުގެ މިސައިލް ޕްރޮގްރާމާއި ޑްރޯން ޕްރޮގްރާމާ ގުޅޭ މާއްދާތައްވެސް ހިމަނަށް ސައުދީން ވަކާލާތު ކުރެއެވެ.
މި ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޔޫއޭއީގެ އޮފިޝަލަކު ވިދާޅުވީ، ޔޫކްރައިން ހަނގުރާމައިގައި އީރާނުގެ ޑްރޯން ރަޝިއާ އިން ބޭނުން ކުރާ ކަމުގެ ވާހަކަތައް ފެންމަތިވެފައި ވާ އިރު މިއީ ކުރިން އޮތް އެއްބަސްވުން މުރާޖައާ ކުރަން ރަނގަޅު ވަގުތެއް ކަމަށެވެ.