އެކަށީގެންވާ ހެކި ނެތުމުން، ސަލާމަތީ ބާރުތަކުން މާލެ އާއި އައްޑޫގެ ބައެއް ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

ޓެރަރިޒަމާ ދެކޮޅަށް މިދިޔަ މަހުގެ 12 ގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭން ހައްޔަރުކުރި ދެ މީހަކާއި، ގުރައިދޫން ހައްޔަރުކުރި ދެ މީހެއްގެ އިތުރުން އައްޑޫން ހައްޔަރުކުރި ނުވަ މީހުންނެވެ.

ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައި ނުވި ނަމަވެސް ފުލުހުން ބުނީ ހައްޔަރުކުރި މީހުންނަކީ 18 އަހަރާއި 46 އަހަރާ ދެމެދުގެ މީހުން ކަމަށެވެ.

އެ މައްސަލައިގައި ފަސް މީހަކު ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ހައިކޯޓުން ވަނީ އޭގެ ތެރެއިން އެކަކު މިއަދު މިނިވަންކޮށްފައެވެ.

އޭނާ ބަންދުކުރަން އައްޑޫ މަރަދޫފޭދޫ ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން އިސްތިއުނާފުކުރުމުން ހައިކޯޓުން ކުރި ހުކުމްގައި ބުނީ، އޭނާ އާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅުން ފިޔަވައި ފުލުހުން އިތުރު ހެއްކެއް ހުށަނާޅާ ކަމަށާއި، އެ ރިޕޯޓުގައި ހުރި ވާހަކަތަކަށް ބާރުލިބޭ އިތުރު ހެއްކެއް ވެސް ހުށަހަޅާފައިނުވާ ކަމަށެވެ.

ޓެރަރިޒަމްގެ ގާނޫނުގައިވާ ގޮތުން އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް މީހަކު ބަންދުކުރެވޭނީ ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަވުމާ އެކު، އެއަށް ބާރުދޭ އިތުރު ހެކި ހުރި ނަމައެވެ. ނަމަވެސް މި މައްސަލައިގައި އެކަންކަން ފުރިހަމަނުވާ ކަމަށާއި އެހެންކަމުން އޭނާ ބަންދުކުރީ ރަނގަޅަށް ނޫން ކަމަށް ހުކުމްގައިވެއެވެ.

އެހެންވެ، މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ ދަށު ކޯޓުގެ އަމުރު ބާތިލްކުރުމަށް ހުކުމް ކުރައްވައިފައެވެ.

މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ. ފަނޑިޔާރު ފަރުހީޒާގެ އިތުރުން މި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.