މީގެ ފަސް އަހަރު ކުރިން ޑިސެންބަރު 15، 2017 އަކީވެސް ހދ. ނޮޅިވަރަމަށް މިއަދެކޭ އެއްގޮތަށް ހިތާމަވެރި ދުވަހެކެވެ. އެ ރަށު ހިތައްފިނިވާގޭ އުމުރުން 21 އަހަރުގެ އަހުމަދު މުހައްމަދުގެ ކުއްލި ވަކިވުމަކީ މިއަދާ ހިސާބަށްވެސް އެ އާއިލާއަށް ފޫނުވެއްދޭ ވަރުގެ ހިތާމައެކެވެ. އެ ހިތާމައިން އަރައިނުގަނެވި ތިއްބާ އަހުމަދުގެ ދައްތަ އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރާއެކު އާއިލާއަށް ވަނީ އެ ހަނދާންތައް އިތުރަށް ތާޒާވެފައެވެ.

އެކަމުގެ މައުލޫމާތުތައް އެނގޭ މީހަކު "ދަ ޕްރެސް" އާ ވާހަކަދައްކަމުން ބުނީ 2017 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 15 ދުވަހު އަހުމަދު އެންދަމަން ދިޔައީ އޭނާގެ ރަހުމަތްތެރިންނާ އެކު އެ ރަށާ މާ ދުރުނޫން ހިސާބަކަށް ކަމަށެވެ. އަހުމަދު އުޅެމުން ދިޔައީ މާލޭގައި މަތީ ތައުލީމު ހާސިލުކުރަން ކަމަށާއި އެ ދަތުރު ކުރީ ޗުއްޓީގައި ރަށަށް ގޮސް އުޅުނު އިރު ކަމަށް އޭނާ ކިޔައިދިނެވެ.

ދަތުރާއި އަހުމަދުގެ މަރު

އެ ދުވަހުގެ މެންދުރުފަހު ގާތްގަނޑަކަށް 2 ޖަހާ ހާއިރު އެ މީހުން އެންދަމަން ދިއުމަށް ނޮޅިވަރަމުން ފުރިއިރު ހިރިމަރަދޫ ކައިރިއަށް ދެވުނީ 3 ޖަހާ ހާއިރު ކަމަށާއި ދަތުރު ދިޔައ އިރު، އަސުރު ނަމާދު ވަގުތު ޖެހުމުން ނަމާދުކުރަން ޖެހޭނެ ކަމަށް ބުނެ އަހުމަދު ފަޓުލޫނެއްވެސް ގެންދިޔަ ކަމަށް ދޯނީގައި ތިބި އިތުރު މީހުންނާ ހަވާލާދީ އެ މީހާ ވަނީ ބުނެފައެވެ.

އަހުމަދާއެކު ހަތް މީހަކު މޫދަށް ފޭބި ކަމަށާއި އަހުމަދުގެ ހަބަރެއް ނުވެ ގިނައިރުވެގެން ބެލިއިރު އޮތީ އުނަގަނޑުގައި ވަލެއް އޮޅިފައި ކަމަށް މައުލޫމާތު އެނގޭ މީހަކު ވަނީ ބުނެފައެވެ. އަހުމަދަށް ކަމެއް ވެގެން އުޅޭކަން އޭނާއާއެކު ފޭބި މީހުންނަށްވެސް އޭރު ނޭނގުނު އިރު، އެ ވާގަނޑު ނައްޓައި ބެލިއިރު އޭނާއަށް ލޮނު ބޮއިފައި ވާކަން ފާހަގަ ކުރެވިފައި ވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު އެ ދުވަހު ހަވީރު 5 ޖެހިފަހުން އަހުމަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ މަރުވެފައިވާ ކަމަށް މައުލޫމާތު ދިން މަސްދަރަކުން ވަނީ ބުނެފައެވެ.

އޭގެ 5 އަހަރު ފަހުން

އަހުމަދުގެ މަރަށް 5 އަހަރުވާން 5 ދުވަހަށް ވެފައި ވަނިކޮށް އޭނާގެ ދައްތަ ނިޝާމާ މަރުވެފައި އޮއްވާ ފެނިފައި ވާއިރު ސުވާލު އުފެދޭ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ.

ނިޝާމާ މަރުވެފައި އޮއްވާ ފެނުމުގެ ކުރިން ނިޝާމާއާއި ފިރިމީހާ އަބޫބަކުރު ފައިސަލް ކޮޓަރީގައި އުޅެފައި ނިކުމެގެން ދިޔަ ކަމަށާއި ދަތުގެ ޑޮކްޓަރަކަށް ދައްކަން ކުޅުދުއްފުއްޓަށް ދާ ކަމަށް ވަނީ ބުނެފައެވެ. އަދި އެދެމަފިރިންގެ 3 ދަރިން ތިބޭ އިރު ކުޑައަށް ހުންނަ އަންހެން ދަރިފުޅު މަންމަ ހޯދާ ރޯން ފެށުމުން ނިޝާމާގެ ކޮއްކޮ ދޮރު ހުޅުވަދޭން ތަޅުގައި ހިފާ ޓަކިވެސް ވަނީ ޖަހާފައެވެ. ފައިސަލް ފުރައިގެން ގޮސްފައި ވަނީ ކޮޓަރި ތަޅުލާ ތަޅުދަނޑި ވެސް ހިފައިގެން ކަމަށް ވަނީ "ދަ ޕްރެސް" އަށް އެނގިފައެވެ.

ނިޝާމާ މުހައްމަދާއި ފިރިމީހާ ފައިސަލް އަލީ

އެހެން ފަހަރުތަކާ ހިލާފަށް ޓަކި ޖަހާ ޖަހާ ވެސް ނިޝާމާ ދޮރު ނުހުޅުވުމުން ކޮއްކޮއާއި އޭނާގެ ރަހުމަތްތެރިޔަކާ ދެ މީހުން ވަނީ ދޮރުގެ ތަޅު ހަލަހަކުކޮށްލައިގެން އެ ކޮޓަރިއަށް ވަދެފައެވެ. އަދި ޒަހަމްތަކާއެކު މަރުވެފައި އޮތް ނިޝާމާގެ ހަށިގަނޑު އެނދުމަތީގައި އޮތްތައް ވަނީ ފެނިފައެވެ.

ފައިސަލް އަށް ކުރެވޭ ގެވެށި އަނިޔާ

އެ ރަށުން އަދި ފައިސަލްގެ ރަށް ފެންފުށިން ވާހަކަދެއްކި މީހުން ބުނާ ގޮތުގައި ފައިސަލް އަކީ ނިޝާމާއަށް ވަރަށް ގިނައިން އަނިޔާކުރާ މީހެއް ކަމަށާއި އަނިޔާ ކުރުމާއި ޒުވާބު ކުރުމަކީ ވަރަށް އާންމު ކަމެއް ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކޮށް ވައްކަން ކުރާ ކަމަށް ވެސް ލޭބަލް ވެފައިވާ ކަމަށެވެ. އުފެދޭ ސުވާލަކީ ގެވެށި އަނިޔާގެ މައުލޫމާތު އެނގި ރިޕޯޓު ނުކުރަނީ ކީއްވެ ހެއްޔެވެ؟ އެންމެންގެ ވެސް ޒިންމާއެއް ކަމަށް ދެކި އަނެކާއަށް ލިބޭ އަނިޔާއިން ސަލާމާތް ކުރަން މަސައްކަތް ނުކުރަނީ ކީއްވެ ހެއްޔެވެ؟

ޖަވާބު ނުލިބޭ ސުވާލުތަކެއް ހުރިއިރު މިރޭ ކޯޓު އަމުރެއްގެ ދަށުން ފައިސަލް ހައްޔަރުކޮށް، ނިޝާމާގެ ހަނޑިގަނޑު ޕޯސްޓުމޯޓަމް ހަދަން މާލެ ގެނައުމަށް މިހާރު ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ.

އަހުމަދުގެ މަރަށް ފަހު އާއިލާއިން ވަނީ ހިތް ފަޅައިގެންދާ ވަރު ހިތްދަތި ދުވަސްތަކެއް ކަޑައްތު ކޮށްފައެވެ.

ނިޝާނާގެ ހަށިގަނޑު ކުޅުދުއްފުއްޓަށް ފުރުވާލަން ނެރުނު އިރު ބަނދަރަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާވިއެވެ. ނިޝާނާގެ މަންމަގެ ގިސްލުމުގެ އަޑާއެކު އިވިގެން ދިޔައީ ވަރަށް ވެސް އަސަރުގަދަ ބަސްތަކެކެވެ. އެތަނަށް ދިޔަ މީހަކު ބުނި ގޮތުގައި ނިޝާނާގެ މަންމަ ދައްކަމުން ދިޔައީ މީގެ 5 އަހަރު ކުރީގެ މާޒީގެ ވާހަކައެވެ. އެ ހިތް ދަތި ދުވަސްތަކުގެ ވާހަކައެވެ.

ފައިސަލް އަލީ / ފޮޓޯ: ސޯޝަލް މީޑިއާ
"މިހާރުވެސް ހަނދާންވޭ އަހުމަދު މަރުވެގެން އުޅެން ޖެހުނު ގޮތް. އިއްޔެ ވީ ކަމެއްހެން ހީވަނީ. މިފަހަރު 3 ކުދިންގެ ހައްގުގައިވެސް އަހަރެން އިރާދަކުރެއްވިއްޔާ ހިތްވަރުކޮށް ކެތްކުރާނަން"
ނިޝާމާގެ މަންމަ

ގިސްލަމުން ގޮސް ނިޝާމާގެ މަންމަ އަށް ބުނެވުނީ މި ފަހަރު ނިޝާމާގެ ތިން ކުދިންގެ ހައްގުގައި ހިތްވަރުކޮށް ކެތްކުރާނެ ކަމަށެވެ.