ކްރޮސް ސަބްސިޑީ ނުވަތަ މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި އަަމިއްލަ ފަރާތްތަކަށް ދޫކުރަން ހަ ރަށެއް ކަނޑައަޅައި އެކަން ޓޫރިޒަމް މިނިސްޓްރީއިން އިއުލާންކޮށްފިއެވެ.

ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ދޫކުރާނެ ރަށްތަކުގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީއިން އިއުލާނުކޮށްފައިވަނީ ށ. ކުޑަޅައިމެންދޫއާއި ނ. ކުންނަމަލައިއާއި ޅ. މެއްޔަފުއްޓާއި ތ. ދިއްފުއްޓާއި ތ. ކަޅުފަހަލަފުށި އަދި ގއ. ފުލަނގިއެވެ.

މީގެ ތެރޭގައި ހިމެނޭ ކުޑަޅައިމެންދޫއަކީ މިދިޔަ އަހަރު ރިސޯޓު ތަރައްގީކޮށް ހިންގަން ބީލަމުގެ އުސޫލުން ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އަދި ކުންނަމަލައި އާއި ކުޑަޅައިމެންދޫއަކީ 2019 ވަނަ އަހަރު ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި 13،720 އެނދާއެކު 29 ރަށެއް ތަރައްގީ ކުރަން ނިންމާ ޓޫރިޒަމް މިނިސްޓްރީން އިއުލާނުކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ދެ ރަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރާ އެއާޕޯޓްތައް ހެދުމަށް ފައިނޭންސް ހޯދައިދޭ ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ފަޅު ރަށެއް ދޭން ގޮތަށް އެގްރިމަންޓްތަކުގައި މިހާރު އަންނަނީ ސޮއިކުރަމުންނެވެ.