ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިޔާ އަތުން ބަލިވި ބްރެޒިލްގެ ކޯޗު ޓީޓޭ މަގާމުން އިސްތިއުފާ ދީފިއެވެ.
މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވީ އިރު 0-0 ގައި ސްކޯ އޮތުމުން އިތުރު 30 މިނެޓް ކުޅެނެވެ. މި 30 މިނެޓްގައި ފުރަތަމަ ބްރެޒިލް އިން ލަނޑު ޖެހި ނަމަވެސް ކްރޮއޭޝިޔާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އަނެއްކާވެސް ހަމަހަމަކޮށްފައެވެ. މިއަށް ފަހު ދެން ޕެނަލްޓީ ޖެހި އިރު ބްރެޒިލް ބަލިވީ 4-2 އިންނެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓީޓޭ ބުނީ މުބާރާތުގެ ކުރިން ވެސް މުބާރާތަށް ފަހު މަގާމުން އިސްތިއުފާ ދޭނެ ކަމަށް ބުނެފައިވާނެ ކަމަށެވެ. ޓީޓޭ ބުނީ ކްރޮއޭޝިޔާ އަތުން ބަލިވެގެން މުބާރާތުން ކެޓި ނަމަވެސް އޭނާ މަގާމު ދޫކޮށް ދަނީ ހިތްހަމަޖެހިގެން ކަމަށެވެ.
އޭނާ ބުނީ ގައުމީ ޓީމާ ވަކިވުމަކީ އުނދަގޫ ކަމެއް ނަމަވެސް މިއީ މިހާރަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
2016 ވަނަ އަހަރު ބްރެޒިލްގެ ކޯޗު ކަމާ ހަވާލުވި ޓީޓޭ ވަނީ ޖުމްލަ 6 އަހަރު އެމަގާމުގައި ހޭދަކޮށްފައެވެ. މި މުއްދަތުގައި އޭނާގެ ބެލުމުގެ ދަށުން ބްރެޒިލް 81 މެޗު ކުޅުނު އިރު އެޓީމުން ވަނީ 61 މެޗުން މޮޅުވެފައެވެ. ދަށްވީ އެންމެ 7 މެޗުންނެވެ.
ނޭމާ ކުޅުމާ ދުރަށް ދަނީ ބާ
ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބްރެޒިލްގެ ނޭމާ ވަނީ ގައުމީ ޓީމާ ދުރަށްދާނެ ކަމުގެ އިޝާރާތެއް ދީފައެވެ. މިގޮތުން، ނޭމާ ބުނީ އޭނާ ބްރެޒިލް ގައުމީ ޓީމުން ފެނިގެންދާނެ ކަމަށް 100 ޕަސަންޓް ގެރަންޓީ ދެވެން ނެތް ކަމަށެވެ.
ނޭމާ ބުނީ މިކަމުގައި އަދި ވަކި ގޮތެއް ނުނިންމާ ކަމަށާ އޭނާ ބަލާނީ އޭނާއަށް ވެސް އަދި ގައުމީ ޓީމަށް ވެސް އެންމެ ރަނގަޅު ގޮތެއް ކަމަށެވެ.
ނޭމާ ވަނީ ބްރެޒިލްއާއެކު ތިން ވޯލްޑް ކަޕެއް ކުޅެފައެވެ. 2014 ވަނަ އަހަރު ސެމީއަށް ބްރެޒިލް ގެންގޮސްދިން އިރު 2018 ގައި ވެސް ބްރެޒިލް ކެޓީ ކުއާޓާ ހިސާބުންނެވެ.
ރޭގެ މެޗާ ބެހޭ ގޮތުން ނޭމާ ބުނީ މިއީ 2018 ވަނަ އަހަރުގެ ނަތީޖާއަށް ވުރެ ވެސް ހަޖަމް ކުރަން އުނދަގޫ ނަތީޖާއެއް ކަމަށާ ޓީމުން ދެއްކި ރޫހާ ހިތްވަރާ މެދު އޭނާ ފަހްރުވެރިވާ ކަމަށެވެ.
ކްރޮއޭޝިޔާއާ ދެކޮޅަށް ބްރެޒިލްއިން ޖެހި ލަނޑު ކާމިޔާބުކޮށް ދިނީ ނޭމާއެވެ. އެހެން ނަމަވެސް ޕެނަލްޓީ ޝޫޓް އައުޓްގައި ނޭމާއަށް ޕެނަލްޓީއެއް ޖަހަން ނުލިބުނެވެ. އެއީ ބްރެޒިލްގެ ފުރަތަމަ ޕެނަލްޓީ ވަދެފައި ނުވާ އިރު ހަތަރު ވަނަ ޕެނަލްޓީ ވެސް ނާކާމިޔާބުވުމާއެކު 5 ވަނަ ޕެނަލްޓީ ޖަހަން ފުރުސަތު ނުލިބުމުންނެވެ.