1930 ވަނަ އަހަރުން ފެށިގެން ކޮންމެ 4 އަހަރަކުން އެއްފަހަރު ބާއްވަމުން އަންނަ ފީފާ ވޯލްޑްކަޕަކީ ކުޅިވަރަށް އަދި ހާއްސަކޮށް ފުޓްބޯޅައަށް ލޯބިކުރާ މީހުން ވަރަށް އިންތިޒާރުކުރާ މުބާރާތެކެވެ. އަދި ވޯލްޑްކަޕް ބޭއްވޭ ދުވަސްވަރަކީ ވަރަށް ވެސް މަޖާ، މީހުންގެ ތެރޭގައި ގުޅުން ބަދަހި ވެ އަދި ފޯރި ނަގާ ދުވަސް ވަރެއް ވެސް މެއެވެ. ފެށުނީއްސުރެ ވެސް ވޯލްޑްކަޕް އާންމުކޮށް ބާއްވަމުން އަންނަނީ ޔޫރަޕް އަދި އެމެރިކާގެ ގައުމުތަކުގައެވެ. މިގައުމުތަކުގެ އިތުރުން ދެން ބާއްވައި ފައި ވަނީ 2002 ވަނަ އަހަރު ސައުތު ކޮރެއާ އަދި ޖަޕާނުގައެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ސައުތު އެފްރިކާގައި އަދި 2022 (މިއަހަރު) ގަތަރުގައެވެ. ދެން އަންނަ މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ އުތުރު އެމެރިކާގެ 3 ގައުމު ކަމުގައިވާ ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައެވެ.

ނަމަވެސް މުސްލިމް ގައުމެއްގައި ވޯލްޑްކަޕް ބޭއްވުން މިއީ ހުޅަގަށް ހަޖަމް ކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. އެގޮތުން ހުޅަގުގެ މީޑީއާތަކުން އަންނަނީ މުބާރާތް ފެށުމުގެ މާކުރިން ފެށިގެން ގަތަރަށް އެކި ވަރުގެ ފުރައްސާރަތައް ކޮށް ފާޑުކިޔަމުންނެވެ. އެގޮތުން ގަތަރާ ބެހޭ ގޮތުން ހަގީގަތާ ހިލާފު އެތަކެއް ވާހަކަތަކެއް ފަތުރައިފިއެވެ. އަދި ގަތަރު ވޯލްޑްކަޕް ބޮއިކޮޓް ކުރަން ވެސް ފާޅުގައި އަންނަނީ ގޮވަމުންނެވެ.

ވޯލްޑްކަޕް ގަތަރުގައި ބޭއްވުމުން ހުޅަނގުން މިހާ ކަންތައް ބޮޑުކޮށްލައިގެން މިއުޅެނީ އެއީ މުސްލިމް ގައުމަކަށް ވެފައި ގަތަރުގެ އިސްލާމީ ރިވެތި އުސޫލު ވޯލްޑްކަޕްގައި ވެސް ދައްކަން ފެށުމުންނެވެ. އެގޮތުން ސްޓޭޑިއަމް ސަރަހައްދުގައި ރާ ވިއްކުން މަނާ ކުރުން ވެގެން ދިޔައީ ހުޅަގުނގެ ކާފަރުންގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަމަކަށެވެ. މި ފިޔަވަޅު އަޅާފައި ވަނީ މުބާރާތް ފެށެން ކައިރި ވެފައި ވަނިކޮށް ކަމުގައިވިޔަސް އެންމެ ކުރިން ފެށިގެންވެސް ގަތަރުން ބުނަމުން އައީ އެއްޖިންސުން ގުޅުން ހިންގުމުގެ ޝިއާރު ނުވަތަ އެލްޖީބީޓީކިޔު އަށް ތާއީދު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ގަތަރުގައި ނުކުރެވޭނެ ކަމުގައެވެ. އޭގެތެރޭގައި އެމީހުން އެލްޖީބީޓީކިޔު ގެ ރަމްޒެއްގެ ގޮތުން ގެންގުޅޭ ދިދަތަކާއި ރެއިންބޯ ކުލަތައް ހިމެނޭ އަތުގައި އަޅާ ބޭންޑުތައް ސްޓޭޑިއަމް ތެރޭގައި ބޭނުން ކުރުން މަނާކުރުން ހިމެނެއެވެ. މިއީ ވެސް ކާފަރުން އެހައި ރުޅި އައި ކަމަކަށް ވިއެވެ. މިކަމުގެ ސަބަބުން އެތަކެއް ފާޑުކިއުންތަކެއް އަދިވެސް އަންނަނީ ގަތަރަށް އަމާޒު ވަމުންނެވެ.

ވޯލްޑްކަޕް ގައި ސަޕޯޓަރެއް

ނަމަވެސް ގަތަރުން ވަނީ އެންމެ 28 ދުވަހުގެ މުބާރާތަކަށްޓަކައި އެމީހުންގެ މާތްވެގެންވާ ދީން ބަދަލު ނުކުރެވޭނޭ ކަމުގައި ބުނެ ހުޅަނގުގެ ގައުމުތަކަށް އިންޒާރުދީ، މުސްލިމް އެހެން ގައުމުތަކަށް ނަމޫނާ ދައްކާފައެވެ.

މިފަހަރުގެ ވޯލްޑްކަޕްގައި މި އެލްޖީބީޓީގެ ޕްރޮޕަގަންޑާ ފަތުރަން އުޅެފައި އެކަން ކާމިޔާބު ނުވުމުން އެންމެ ހިތްހަމަނުޖެހުނު ޓީމްތަކުގެ ތެރެއިން އެންމެ ކުރީގައި އޮތީ ޖަރުމަނުވިލާތެވެ. އެގޮތުން އެޓީމުން ވަނީ މެޗުކުޅެން ދަނޑުމައްޗަށް އެރުމަށް ފަހު އަނގަމަތީގައި އަތްއަޅައި އެލްޖީބީޓީ އަށް ތާއީދުކުރުމުގެ ގޮތުން ހިމޭން އިހުތިޖާޖެއް ކޮށްފައެވެ. މީގެ އިތުރުން ޖަރުމަނުގެ މިނިސްޓަރަކު ސްޓޭޑިއަމްތެރޭގައި ރެއިންބޯ އާމްބޭންޑެއް އަޅައިގެން ހުންނަ ވީޑިއޯއެއް ވެސް ވަނީ ދައުރުވެފައެވެ. ނަމަވެސް އާހިރުގައި މުބާރާތުން ކަޓައިގެން ޖަރުމަނުން ގައުމަށް ދާންޖެހުނީ އަނގަމަތީގައި އަތްއަޅައިގެން ރޮމުންނެވެ.

ޖަރުމަނުވިލާތުން އެޓީމަށް ކުޅުނު މުސްލިމް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މެސުޓް އޮޒިލްއާއި ދޭތެރޭ ކަންތައް ކުރި ދެރަ ނިކަމެތި ގޮތުގެ ވާހަކަވެސް މި ވޯލްޑްކަޕްގައި ގަދަޔަށް ދެކެވުނެވެ. އާސެނަލްގެ މިޑްފީލްޑާ އަދި 2018 ވަނައަހަރު ވޯލްޑްކަޕްގައި ވެސް ޖަރުމަނުގެ ޓީމުގައި ހިމެނުނު އޮޒިލް، މިއަހަރު މެއި މަހުގައި ތުރުކީގެ ރައީސް އޮރްދްގާން އާ ބައްދަލުކޮށް ނަގާފައިވާ ފޮޓޯއެއް އާންމުވުމާ ގުޅިގެން އޮޒިލް އަށް ވަނީ ޖަރުމަނު ޓީމުގެ ކުޅުންތެރިން އަދި ކޯޗުގެ ފަރާތުން ވެސް ގިނަ ފުރައްސާރަތަކާ ކުރިމަތިލާން ޖެހިފައެވެ. ޓީމުގެ ކޯޗުގެ އިތުރުން ކުޅުންތެރިންގެ ފުރައްސާރައިގެ ސަބަބުން އޮޒިލް އަށް މަޖުބޫރުވީ ޓީމު ދޫކޮށް ދާށެވެ. އޮޒިލް ބުނެފައިވާ ގޮތުގައި އޭނާ ތުރުކީގެ ރައީސްއާ ބައްދަލުކޮށްފައި ވަނީ އޭނާގެ މައިންބަފައިން ނިސްބަތް ވަނީ ތުރުކީ އަށް ވެފައި އޭނާ ތުރުކީ އަށް އިހުތިރާމް ކުރާތީ ކަމުގައެވެ. އަދި އެއްވެސް ކަހަލަ ސިޔާސީ ބޭނުމެއް އެ ބައްދަލުވުމުގެ ފަހަތުގައި ނުވާނެ ކަމުގައެވެ.

އޮޒިލް އަށް ސަޕޯޓު ކުރުމާއެކު ޖަރުމަނު ޓީމަށް ބަޔަކު ހަޖޫ ޖަހަނީ

އޮޒިލް އަކީ ތުރުކީއަށް އުފަން އެކަމަކު ޖަރުމަނުގައި އުޅެ ބޮޑުވި ކުޅުންތެރިއެކެވެ. ނަމަވެސް އޮޒިލް ބުނެފައިވާ ގޮތުން ޖަރުމަނު ޓީމް މެޗަކުން މޮޅުވެއްޖެއްޔާ އޭނާ ވަނީ ޖަރުމަނުގެ ކުޅުންތެރިއަކަށް ކަމުގައެވެ. ނަމަވެސް މެޗަކުން ބަލިވެއްޖެއްޔާ އޭނާ ވަނީ ޖަރުމަނަށަށް ހިޖުރަކޮށްފައިވާ މީހަކަށް ކަމަށެވެ.

ގަތަރުގައި ބާއްވާ މި ވޯލްޑްކަޕްގައި ހުޅަނގުގެ މީޑިއާތަކުން ފަތުރާ ހަބަރުތަކަށް ބަލާއިރު އެންމެ ގިނައިން ދެކެވޭ ވާހަކައަކީ ވޯލްޑްކަޕްގެ ތައްޔާރީތައް ކުރުމުގެ މަސައްކަތުގައި އުޅުނު 6500 އެއްހާ ބޭރުގެ މަސައްކަތްތެރިން މަރުވި ކަމަށް ބުނެ ދެކެވޭ ވާހަކައެވެ. ނަމަވެސް ގަތަރުގެ ލޭބާ މިނިސްޓަރު ހާމަކުރައްވާ ގޮތުގައި މި އަދަދު ވަނީ އޮޅުވާލައިފައެވެ. 2021 ގައި ދަ ގާޑިއަން ނޫހުން ގަތަރުގައި 2010 އިންފެށިގެން 6500 ބޭރުގެ މަސައްކަތްތެރިން މަރުވެފައިވާ ކަމަށް ކުރި ރިޕޯޓަކާ ގުޅިގެން ގަތަރުގެ ލޭބާ މިނިސްޓްރީ އިން ހާމަކޮށްފައި ވަނީ މިއަދަކީ ހަމައެކަނި ވޯލްޑްކަޕްގެ މަސައްކަތުގައި ހަރަކާތްތެރިވި މީހުންގެ އަދަދު ނޫން ކަމަށާއި ނަމަވެސް ގަތަރުގައި އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ ބޭރުގެ އެތަކެއް މިލިއަން މަސައްކަތްތެރިންގެ ތެރެއިން މަރުވެފައިވާ މީހުންގެ އަދަދެއް ކަމުގައެވެ. އެގޮތުން 2014 ވަނަ އަހަރުން 2020 ވަނަ އަހަރާ ހަމައަށް ވޯލްޑްކަޕްގެ މަސައްކަތުގެ ތެރޭގައި މަރުވަފައިވާ ކަމަށް ރިޕޯޓު ކުރެވިފައި ވަނީ 37 މީހުން ކަމުގައެވެ.

އެހެން ކަމުން ސިޔާސީ މީހުންނާއި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން އިން މިއަދަދުތައް ކަށަވަރު ކުރުމަށް ފަހު ތެދު މައުލޫމާތު ފެތުރުމަށް ގަތަރުގެ ލޭބާ މިނިސްޓްރީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ގަތަރު ވޯލްޑްކަޕް 2022 ގެ ސްޓޭޑިއަމްއެއް

މީގެ އިތުރުން ޗައިނާގެ 2 މިލިއަނެއްހާ ވީގޫރް މުސްލިމުން ޓްރެއިނިންގް ކޭމްޕްތަކޭ ކިޔާ ކޭމްޕްތަކެއްގައި ބަންދުކޮށްގެން އިންސާނިއްޔަތާ ހިލާފު އެތަކެއް އަނިޔާތަކެއް ދީ ނަސްލު ނައްތާލުމުގެ މަސައްކަތްތަކެއް ކުރިއަށް ދާކަން މުޅި ދުނިޔެ އަށް އިނގޭ އިރުގައި ވެސް 2022 ވަނަ އަހަރުގެ ޗައިނާގެ ބެއިޖިން ގައި ބޭއްވި ވިންޓާ އޮލިމްޕިކްސްގައި މިވާހަކަ ނުދެކެވޭ ކަމަށާއި އެކަމާ އެއްވެސް ބަޔަކު ފާޑުކިޔާފައި ނުވާ ކަމާއި ނަމަވެސް ގަތަރުގައި ބާއްވަމުންދާ މުބާރާތަށް މިހާ ފާޑުކިޔުން އަމާޒުވެގެން މިދަނީ މުސްލިމް ގައުމަކަށް ވީތީ ކަމަށް ގަތަރުގެ އިސް އޮފިޝަލަކު ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު ވޯލްޑްކަޕް ބޭއްވި ރަޝިޔާއަކީ ވެސް އިންސާނިއްޔަތާ ހިލާފު އެތަކެއް އަމަލުތަކެއް ހިންގާ ގައުމެއް ކަމަށާއި ނަމަވެސް ރަޝިޔާ ވޯލްޑްކަޕްގައިވެސް ހުޅަނގުގެ ގައުމުތަކުން އެއްވެސް ވަރަކަށް ފާޑުކިޔާފައި ނުވާކަމަށް ވެސް ބުނެފައި ވެއެވެ. އެހެންކަމުން ގަތަރާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުގެ މީޑިއާތައް މެދުވެރިކޮށް ހިންގަމުން މިދާ އެންޓި ކެމްޕެއިން އިން ހުޅަގުގެ މުނާފިގުކަން ހާމަވާ ކަމަށްވެސް ގަތަރުގެ އޮފިޝަލު ވިދާޅުވެފައި ވެއެވެ.

ފްރާންސްގެ ނޫހެއް ކަމުގައިވާ ލެކެނާޑް އެންޗައިނޭ އިން ދާދި ފަހުން ވަނީ ގަތަރު ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ޓެރަރިސްޓުންގެ ގޮތުގައި ސިފަކޮށް ކާޓޫނު ކުރަހާ ޝާއިއު ކޮށްފައެވެ. ނަމަވެސް އެނޫހަށް ވަނީ ސޯޝަލްމީޑިއާގައި ގިނަބައެއްގެ ފާޑުކިއުމާއި ނުރުހުން އަމާޒުވެފައެވެ. އަދި މިއީ ނަސްލީ ތަފާތު ކުރުމާއި އިސްލާމްދީނަށް ފުރައްސާރަ ކުރުން ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ހަމަ މިއާ އެކު ހުޅަނގުގެ އެންމެ މަޝްހޫރު ހަބަރު ފަތުރާ އޭޖެންސީ ކަމުގައިވާ ބީބީސީ އިން ވަނީ ވޯލްޑްކަޕް ފެށުމުގެ ރަސްމިއްޔާތު ގެނެސް ދިން އިރު އެއިން ބޮޑު ބައެއް ލައިވް ނުކޮށް އުނިކޮށްފައެވެ. އެގޮތުން ފެށުމުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔެވި މަންޒަރުތައް ހިމެނެއެވެ. މިވަގުތު ތަކުގައި ބީބީސީ އިން ދައްކާފައިވަނީ ސްޓޭޑިއަމް ތަކުގައި ބަގުރާ ވިއްކުން މަނާކުރުމާއި އެލްޖީބީޓީ ނިޝާން ޖެހި ތަކެތި ދަނޑުތަކަށް ވެއްދުން މަނާކުރުމުން އެކަމާ ގުޅުވައި ގެނެސްދިން ރިޕޯޓެކެވެ. މިކަންތައް މިއީ ހަމައެކަނި ސްޓޭޑިއަމް ތަކުގައި މަނާ ކުރެވުނު ކަންތައްތަކެއް ނަމަވެސް ހުޅަނގުގެ މީޑިއާތަކުން މިކަންތައް ގެނެސްދީފައި ވަނީ މިއަށް ވުރެ ބޮޑުކޮށްގެންނެވެ. ހުޅަނގުގެ މީޑިއާ ތަކާއި ސިޔާސީ ފަރާތްތަކުން އަންނަނީ ގަތަރުގެ ދީނީ އަދި ސިޔާސީ ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި އިހުތިރާމް ކުޑަ އެތަކެއް ވާހަކަ ތަކެއް ފަތުރަމުންނެވެ.

މިދިޔަ މަހު ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަލީފާ އަލް ތާނީ ވިދާޅުވެފައި ވަނީ ކުރިން ގަތަރަށް ނުކިޔޭހާ އެތަކެއް ފާޑުކިޔުން ތަކެއް ވޯލްޑްކަޕާ ގުޅުވައި ކިޔަމުން އަންނަ ކަމަށާއި މިކަމުގެ ފަހަތުގައިވާ އަސްލު މަގްސަދާ މެދު ސުވާލު އުފެދޭ ކަމުގައެވެ.

މީގެ އިތުރުން ގަތަރުގެ ލޭބާ މިނިސްޓަރު އަލީ ބިން ސަމިހް އަލް މާރީ ހާމަ ކުރެއްވި ގޮތުގައި ގަތަރުގެ ރައްޔިތުންނާ މެދު ނަފްރަތު އުފެދޭ ވާހަކަތަކާއި ނަސްލީ ތަފާތުކުރުންތައް ބަލައި ނުގަނެވޭނޭ ކަމަށާއި މިކަމުގައި ބައިވެރިވާ އެންމެންނާ މެދު ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާ އަށް ގޮވާލާ ކަމުގައެވެ.

ވޯލްޑްކަޕަށް ދަނޑުތައް ތައްޔާރު ކުރުމުގައި މަސައްކަތްތެރިން ހަރަކާތްތެރި ވަނީ

ނަމަވެސް ހުރިހާ ގޮތަކުން ބެލިޔަސް މިފަހަރު މިއީ ތަފާތު ފަހަރެކެވެ. ސަބަބަކީ މިއީ އަރަބި، މުސްލިމް އަދި މެދުއިރުމަތީ ގައުމެއްގައި ވޯލްޑްކަޕް މުބާރާތެއް ބޭއްވޭ ފުރަތަމަ ފަހަރު ކަމަށް ވުމެވެ. އަދި މިއީ މިހާތަނަށް ބާއްވާ އެންމެ އަގު ބޮޑު އެންމެ ގިނަ ހަރަދުކޮށްފައިވާ ވޯލްޑްކަޕް ވެސްމެއެވެ. މި މުބާރާތަށް ހާއްސަކޮށް ގަތަރުގައި ދުނިޔޭގެ ފެންވަރުގެ 8 ސްޓޭޑިއަމް އަޅާފައި ވާއިރު މިފަހަރުގެ ވޯލްޑްކަޕްގެ ތައްޔާރީތަކަށް ގަތަރުން 200 ބިލިއަން ޑޮލަރަށް ވުރެ މަތިން ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގައި 1.7 ބިލިއަން މުސްލިމުންގެ އާބާދީ އެއް ދިރިއުޅޭ އިރު، މުސްލިމް ގައުމުތަކުގައި ވެސް ވޯލްޑްކަޕް ގިނައިން ބާއްވަން ޖެހޭނޭ ކަމަށް ވަރަށް ގިނަ މީހުން ދެކެއެވެ. މިސާލަކަށް ތުރުކީ އަދި މެލޭޝިއާ ފަދަ ގައުމުތަކުން ވަނީ ގައުމުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް މިފަދަ ބޮޑެތި ކުޅިވަރު މުބާރާތްތައް ބޭއްވޭނޭ މަގު ފަހިކޮށްފައެވެ. އެގޮތުން ތުރުކީ ވަނީ މިދިޔަ ފަހަރުވެސް ވޯލްޑްކަޕް އެގައުމުގައި ބޭއްވުމަށް ވާދަކޮށްފައެވެ.

ނަމަވެސް މުސްލިމް ގައުމެއްގައި ވޯލްޑްކަޕް ބޭއްވުން މިއީ ހުޅަގަށް ހަޖަމް ކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. "ކާފަރުން ދުވަހަކުވެސް މުސްލިމުންނަށް ހެވެއްނޭދޭނެ" ކަމަށް ބުނާ ބުނުން ވަރަށް ވެސް ތެދެވެ.