ދ. ރިނބުދޫން ކުދި ބޮލި ހުރި ބޮޑު ވަޅުގަނޑެއް ފެނިފައިވާ އިރު އެ ވަޅުގަނޑުން ޖުމްލަ 84919 ބޮލި ނަގާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

މި ދިޔަ ހޯމަ ދުވަހު، އެ ބޮލި ވަޅު ފެނިފައި ވަނީ އެ ރަށުގެ ދެކުނު ފަރާތުން ފެނާއި ނަރުދަމާ އެޅުމަށް ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުން ދިޔަ ސަރަހައްދުންނެވެ. އެއާއެކު ކައުންސިލްގެ ބެލުމުގެ ދަށޫން ހެރިޓޭޖް މިނިސްޓްރޫގެ އިރުޝާދާ އެކު އެ ބޮލި ވަޅުގައި ހުރި ބޮލިތައް ވަނީ ނަގާ އެ ވަޅުގަނޑު ސާފުކޮށްފައެވެ. އެ ދުވަހު އެ ވަޅުން ވަނީ ދެ ގޯންޏާއި ބައި ގޯނި ފުރާ ބޮލި ނަގާފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށުގެ ކައުންސިލްގެ ރައީސް އަހްމަދު އިގްބާލް ވިދާޅުވީ، އެ ދުވަހު ނެގި ބޮލިތައް ހުރި ވެއްޔާ އެކުވެގފައި ކަމުން އެ ބޮލިތައް ވަނީ ސާފުކޮށް ގުނާފައި ކަމަށެވެ. އެ ބޮލިތައް ސާފުކޮށް ގުނުމުގައި ކައުންސިލްގެ މެންބަރުންނާއި އިދާރީ މުވައްޒަފުންނާއި ރިނބުދޫގެ ޑަބްލިއުޑީސީގެ މެންބަރުންނާއި އާންމުން ވެސް ބައިވެރިވި ކަމަށް އިގްބާލް ވިދާޅުވިއެވެ.

ރިނބުދޫން ފެނުނު ބޮލި ވަޅުން ނެގި ބޮލިތައް ގުނަނީ / ފޮޓޯ: ރިނބުދޫ ކައުންސިލް

ނެގި ބޮލިތަކުގައި ޖުމްލަ 84919 ބޮލި ހުރި ކަމަށާއި އެ ތަކެތި މިހާރު ހުރީ ރަށުގައި ބަހައްޓާފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ރިނބުދޫއަށް ހާއްސަ ތަކެއްޗަށް ވީ އިރު އެ ތަކެތި ބަހައްޓަން ގަސްތުކޮށްފައި ވަނީ އެ ރަށުގައި ކަމަށް ވެސް އިގްބާލް ވިދާޅުވިއެވެ.

އިހު ޒަމާނުގައި ދިވެހިން ފައިސާގެ ގޮތުގައި ބޭނުން ކުރީ ކުދި ބޮއްޔެވެ. މި ބާވަތުގެ ބޮއްޔަށް ބައެއް މީހުން ރަސް ބޮއްޔޭ ވެސް ކިޔައެވެ. އެގޮތުން ރިނބުދޫ އަކީ އެ ޒަމާނުގައި ރަސްބޮލި ނަގާ ރަށް ކަމަށް ވެސް ގިނަ ބަޔަކު ބުނެއެވެ. އަދި ރަސް ބޮއްޔަކީ އެ ރަށަށް ހާއްސަ ބޮއްޔެއް ކަމަށް ވެސް މީހުން ބުނެއެވެ.

ރިނބުދޫއަކީ ބޮލި ހިލުމުގައި އިހު ޒަމާނުގައި ނަން މަޝްހޫރު ރަށެއް ކަމުގައި ވިޔަސް މި ފަދަ ބޮލި ވަޅެއް އެ ރަށުން ފެނުނު މިއީ ފުރަތަމަ ފަހަރެވެ.