އިހު ޒަމާނުއްސުރެ ފެށިގެން މިއަދާ ހަމައަށް އައި އިރު ވެސް. ދ. ރިނބުދޫއަކީ ތިލޭރުކަމުގެ މަސައްކަތް ކުރާ މޮޅެތި މީހުން އުޅޭ ރަށެކެވެ. އެ ޒަމާނުގައި އެ ރަށުގެ ކޮންމެ ގެއަކު ވެސް ރަންރިހީގެ މަސައްކަތް ކުރަން ބޭނުން ކުރާ ސާމާނާއި އެ މަސައްކަތް ކުރުމަށް ހާއްސަ ކޮށްފައިވާ ތަނެއް ހުރެއެވެ. ރިނބުދޫގައި އާމްދަނީ ހޯދުމަށް މީހުން ކޮށްފައިވާ މަސައްކަތަކީ ރަންރިހީގެ ގަހަނާ ހެދުމުގެ މަސައްކަތެވެ. އަދިވެސް މި މަސައްކަތް ކުރާ މީހުން އެ ރަށުގައި އުޅޭ ކަމަކީ އުފާ ކުރަން ޖެހޭ ކަމެކެވެ.

'ދަ ޕްރެސް' އިން ރޯދަމަހު ހާއްސަކޮށް ގެނެސްދޭ "މީހުން" ސިލްސިލާގައި މިއަދު މި ގެނެސްދެނީ "ޖުވެލާސް އައިލެންޑް" ގެ ގޮތުގައި މަޝްހޫރު ވެފައިވާ ދ. ރިނބުދޫ އިން ރަންރިހީގެ މަސައްކަތް ނުވަތަ ތިލޭރުކަން ކުރާ މީހަކެވެ. މި މަސައްކަތްކުރާ މީހުންގެ ތެރެއިން ރިނބުދޫގައި އެންމެ ފާހަގަ ކޮށްލެވޭ އެކަކަކީ މޫސާ އަބްދުﷲ ނުވަތަ އާންމު ނަމުން ނަމަ އާމިރެއެވެ.

މޫސާ އަބްދުﷲ (އާމިރު)، ދ. ރިނބުދޫ / ފޮޓޯ: ދަ ޕްރެސް

އާމިރު މި މަސައްކަތް ދަސްކޮށްފައި ވަނީ އުމުރުން އެންމެ 14 އަހަރުގައި އާމިރުގެ ބައްޕަ އަބްދުﷲ ކައިރިންނެވެ. އާމިރުގެ ބައްޕަ އަބްދުﷲ އަކީ އޭރުގައި ރަންރިހީގެ މަސައްކަތް ކުރުމުގައި ރިނބުދޫގައި ހުރި އެންމެ މޮޅު އެކަކެވެ. އޭނާ ބުނާ ގޮތުން ނަމަ ބައްޕަގެ އާއިލާގައި މި މަސައްކަތް ކުރަން ނުދަންނަ މީހަކު ނޫޅޭނެއެވެ. އެހެންކަމުން މި މަސައްކަތަށް އޭނާ ޝައުގުވެރިވެ ބައްޕަ ކައިރިން މަސައްކަތް ދަސްކޮށްގެން މި ވޭތުވެ ދިޔަ 25 އަހަރު އޭނާ އާމްދަނީ ހޯދުމަށް ކުރި މަސައްކަތަކީ ރަންރިހީގެ މަސައްކަތެވެ.

އަތް ގާތް ކޮށްދޭކަށް އެއްވެސް މީހަކު ނުގެން ގުޅޭ ކަމަށާއި ނަމަވެސް ވަރަށް ބުރަ މަސައްކަތް ކުރަން ޖެހޭ ފަހަރުތަކުގައި އަތް ގާތް ކޮށްދީ އެހީތެރިވުމަށް މީހުން ގެންނަ ކަމަށް އޭނާ ބުނެއެވެ. އަދި އެމީހުންގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ އަގެއް ވެސް ދޭ ކަމަށް އޭނާ ބުނެއެވެ.

މޫސާ އަބްދުﷲ (އާމިރު) ހަދާފައި ހުރި ބައެއް ގަހަނާ / ފޮޓޯ: ދަ ޕްރެސް

މި މަސައްކަތުގެ ތެރެއިން އަބަދުވެސް މަސައްކަތް ލިބޭ ކަމަށް އާމިރު ފާހަގަ ކުރެއެވެ. އަދި މި ކަމަކީ ވެސް ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް ކަމަށް އާމިރު ބުނެއެވެ. އެގޮތުން އޭނާ އާންމު ގޮތެއްގައި އާންމު ގޮތެއްގައި ހަދައި އުޅެނީ ކެވެލި، ފަށް، އަނގޮއްޓިއެވެ. އެ އަތޮޅުން ވެސް ގިނަ އޯޑަރުތައް އަންނަ ކަމަށާއި އަދި ދުރު ރަށްރަށުން ވެސް މީހުންގެ އޯޑަރުތައް އާދެއެވެ. މާލެއިން ހާއްސަކޮށް ފައްޓަރު ބައި ހެދުމަށް އޯޑަރު ލިބޭ ކަން އާމިރު ފާހަގަ ކުރެއެވެ.

މި މަސައްކަތް ކުރުމަށް ބައެއް ރަށްރަށަށް ވެސް ދަތުރުކޮށްފައިވާ ކަމަށް އާމިރު ބުނެއެވެ. އެގޮތުން މީގެ 10 ނުވަތަ 12 ވަރަަކަށް އަހަރު ކުރިން ދެކުނުގެ ބައެއް ރަށްރަށަށް ދިޔަ ކަމަށް އާމިރު ބުނެއެވެ. އަދި އެ ގޮތަށް ދާ ދަތުރުތަކުގައި މި މަސައްކަތް ދަސްކުރުމުގެ ޝައުގުވެރިކަމުގައި އަންނަ އެތައް ބަޔަކާ ދިމާވެއެވެ. އެމީހުން ދަސްކުރަން ބޭނުން ވެގެން އައުމުން މަސައްކަތް ދަސްކޮށް ދިނުމަކީ އާމިރު ވަރަށް ކުރާ ހިތުން ކުރާ ކަމެއް ކަމަށް އޭނާ ބުނެއެވެ.

މޫސާ އަބްދުﷲ (އާމިރު) ހަދާފައި ހުރި ބައެއް ގަހަނާ / ފޮޓޯ: ދަ ޕްރެސް

މި ފަދަ މަސައްކަތްތަކަކީ ހަމައެކަނި މީހަކު އެ މަސައްކަތެއް ކުރާނެ ގޮތް ކިޔައިދީގެން އެކަން ކުރާ ގޮތް ހަމައެކަނި އެނގިގެން އެންމެ ފުރިހަމައަށް ކުރެވޭނެ މަސައްކަތެއް ނޫން ކަމަށް އާމިރު ބުނެއެވެ. މި މަސައްކަތަކީ ގިނައިން ކުރި ވަރަކަށް ގިނަ ކަންކަން ދަސްވެ ލިބޭ ތަޖުރިބާ އިން މަސައްކަތަށް އިތުރު ފުރިހަމަ ކަން އަންނަ ކަހަލަ މަސައްކަތެއް ކަަމަށް އާމިރު ބުނެއެވެ.

އެހެންކަމުން މިފަދަ މަސައްކަތެއް ކުރަން ބޭނުންވާ ފަރާތްތަކުން މަސައްކަތް ދަސްކުރުމަށް ފަހު އެ މަސައްކަތުގައި ދެމިހުރެ ގިނައިން މަސައްކަތް ކުރުމަކީ ކުރިއަރައިގެން ދާނެ ކަމެއް ކަމަށް އާމިރު ސިފަކުރެއެވެ.

މި މަސައްކަތް ދަސްކޮށްދީ އަންނަ އޮތް ޖީލާ ހަމައަށް ގެންދިއުމަކީ އާމިރު ދެކޭ ގޮތުން ވަރަށް މުހިއްމު ކަމެެކެވެ. އެ ގޮތުން އަދުގެ ޒުވާނުންނަށް މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ހުރި ނަމަވެސް އެ ކުދިންގެ ކިބައިގައި މި ފަދަ މަސައްކަތަށް މާ ބޮޑު ޝައުގުވެރިކަމެއް ނޯންނަ ކަމަކީ ހިތާމަ ކުރާ ކަމެއްގެ ގޮތުގައި އާމިރު ފާހަގަ ކުރެއެވެ. އަދުގެ ޖީލު އެންމެ ބޮޑަށް ބޭނުންވަނީ ސޯޝަލް މީޑިއާގެ މި ދުނިޔޭގައި ބަނދެވިގެން ތިބެން ކަމަށާއި މިފަދަ ކަވި މަސައްކަތް ކުރުމަށް އެކުދިން ޝައުގެއް ނުހުންނަ ކަމަށް އާމިރު ބުނެއެވެ.