ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހިންގާފައިވާ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވައިފިއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމަނިކުފާނު ވަނީ އެ އަތޮޅު މީދޫ، ރިނބުދޫ، ބަނޑިދޫ، ހުޅުދެލި، މާއެނބޫދޫ އަދި ކުޑަހުވަދޫއަށް ވަޑައިގެންފައެވެ.
އެގޮތުން ރައީސް ސޯލިހު ވަނީ ރިނބުދޫ ބަނދަރާއި އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ. ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކޮށްފައިވާ ރިނބުދޫ ބަނދަރުގައި ބޮޑުހިލަ ޖަހައިގެން 367 މީޓަރުގެ ބޭރުތޮށިލުމާއި 82 މީޓަރުގެ ރިވެޓްމަންޓް ޖަހުމުގެ މަސައްކަތް ކޮށްފައިވާއިރު އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
ރައީސްގެ މި ދަތުރުފުޅުގައި ރިނބުދޫގައި ސަން ސިޔާމް ކެއާސްއިން އަޅާފައިވާ ޖެޓީވެސް ވަނީ ހުޅުވައިދެއްވާފައެވެ. އަދި ރައީސް ސޯލިހު ބަނޑިދޫއަށް ވަޑައިގެން ފެނަކަ އާ އޮފީސް އިމާރާތާއި އައުޓްޑޯ ޖިމާއި ވޮލީކޯޓް ހުޅުވައިދެއްވާފައިވާއިރު ރައީސް އޮފީހުން ބުނީ ބަނޑިދޫ ފެނަކަ އާ އޮފީސް އިމާރާތަކީ 30 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ޖާގަ ތަނަވަސް އިމާރާތެއް ކަމަށެވެ. އަދި އެ އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ ރަށުގެ ބަނދަރު ސަރަހައްދުގައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
ރައީސް ސޯލިހު ޅުދެލީގެ ބަނދަރާއި ފެނަކަ އޮފީހާއި އިންޖީނުގެ ހުޅުއްވައިދެއްވައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފައިވާއިރު ހުޅުދެލީގެ ބަނދަރުގެ މަސައްކަތްކޮށްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެގޮތުން ބަނދަރުގެ މަސައްކަތްތަކުގެ ތެރޭގައި 277 މީޓަރުގެ ބޭރުތޮށިލުމާއި 432 މީޓަރުގެ އެއްގަމު ތޮށިލުމާއި އަދި ބަނދަރާއި ގުޅޭ އިތުރު މަސައްކަތްތައް ހިމެނޭއިރު ހުޅުދެލީ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.
ރައީސް އޮފީހުން ބުނީ ހުޅުދެލީގެ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތަކީ ޖާގަ ތަނަވަސް އަދި ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ތަނެއް ކަމަށާއި މިހާރުގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 1070 ކިލޯވޮޓު ކަމަށެވެ.
ރައީސް ސޯލިހު ވަނީ ކުޑަހުވަދޫ ފެނަކަ އޮފީހުގެ އާ އިމާރާތާއި މާއެނބޫދޫއަށް ފުޓްސަލް ދަނޑު ހުޅުއްވައިދެއްވާފައެވެ. ރައީސް އޮފީހުން ބުނީ ކުޑަހުވަދޫގައި ފެނަކަ އާ އޮފީސް އިމާރާތަކީ އެތަނުގައި ހުރި 20 އަހަރު ކުރީގެ އޮފީސް އިމާރާތެއް ތަޅާލުމަށްފަހު 40 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ޖާގަ ތަނަވަސް އޮފީސް އިމާރާތެއް ކަމަށެވެ. އަދި މާއެނބޫދޫ ފުޓްސަލް ދަނޑަކީ އާރްޖީ އިންޓަނޭޝަނަލް ލިމިޓެޑާ ހަވވާލުކޮށްގެން އެރަށު ޒުވާނުން ބޭނުންވާގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.