ތިން ދަރިންނަށް ކިޔަވައިދޭން މާލޭގައި ތިބުމަށް ފަހު, ދަރިން ގޮވައިގެން އަނީސާ މުހައްމަދު އުފަން ރަށް ކަމަށްވާ ރިނބުދު އަށް އެނބުރި ދިޔައީ ޗުއްޓީ އަށް, ސުނާމީގެ ރާޅު ބިންދާލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. މިހާރު އުމުރުން 67 އަހަރުވެފައިވާ އަނީސާ ތިން ކުދިން ގޮވައިގެން ރަށަށް އައިއިރު, ފިރިމީހާ އޭރު ވީ މާލޭގައެވެ.
އަނީސާގެ ތިން ދަރިންގެ ތެރެއިން ދޮށީ އަންހެން ދަރިފުޅު ދިރިއުޅެމުން ދަނީ އެހެން ގެޔެއްގައެވެ. ދެން ތިބި ދެ ކުދިން ވެސް އަނީސާގެ އަންހެން ދަރިފުޅާ އެކު ދިޔައީ އެ ގެޔަށެވެ. އޭގެ ތެރެއިން އެންމެ ހަގު ދަރިފުޅު ކަމަށްވާ, ގްރޭޑް 8 ގައި ސާނަވީ ތައުލީމް ފުރިހަމަކުރަމުން ދިޔަ ދަރިފުޅު ދިޔައީ ރިނބުދޫގެ އިރުމަތީ އުތުރުގައި އޮތް މީދު އަށެވެ.
ކަން ދިމާކުރި ގޮތުން އެ ދުވަހަކީ ޑިސެމްބަރު 24, 2004 ވީ އާދީއްތަ ދުވަހެވެ, ނުވަތަ ސުނާމީގެ ބޮޑު ރާޅު ބިންދާލި ހިތާމަވެރި ދުވަހެވެ.
އެ ދުވަހުގެ ހަނދާންތައް 'ދަ ޕްރެސް' އަށް ކިޔައިދެމުން އަނީސާ ބުނީ, ބާރުގަދަ އަޑެއް އިވެން ފެށީ، އޭނާ ދިރިއުޅޭ ގޯތީގެ ކުނިކަހައި ނިންމައި, ޒަމާންވީ އެކުވެރިއެއް ކަމަށްވާ ދޮން އައިސަ ގޮވައިގެން ގެއަށް ވަދެ އޭނާ އަށް އެއްޗެއް ދޭން ވެގެން ކޮޓަރި އަށް ވަތް ވަގުތުގައި ކަމަށެވެ.
އެންމެ ފުރަތަމަ އަނީސާ ހީކުރީ، އިވެމުން ދިޔަ 'ބާރު އަޑަ'ކީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ކުރިމަތީގައި ހުރި ގޭގައި ދިރިއެޅުމުން ދިޔަ ކުދިން އެޅިގާ އަޅައި ފާރު ރާނާ އަޑު ކަމަށެވެ. އެއީ އެ އަޑު ނޫންކަން ޔަގީންވުމުން، ޕަމްޕު ޖަހައިގެން ފެން ނަގާ ހެން އަނީސާ އަށް ހީވިއެވެ.
އެ އިވުނު އަޑަކީ ރަންވޭ މަތިން އުދުއްސާލުމުގެ ކުރިން ދުއްވާފައި ދާ މަތިންދާ ބޯޓަކުން އިވޭ އަޑަށް ވުރެ ބާރު އަޑެއްގެ ގޮތުގައި އަނީސާ ސިފަކުރިއެވެ. އެހެންވެ އިވުނު އަޑު އައީ ކޮން ދިމާލަކުންތޯ ބެލުމަށްޓަކައި އަނީސާ އާއި އެކުވެރި ދޮން އައިސާ ފާރު މަތިން ބަލައިލިއެވެ. ބަލައިލިއިރު ފެނުނީ ބޮޑު ރާޅުގަނޑެއް ރަށުތެރެއަށް އެރި މަންޒަރެވެ.
އެވަގުތު އަނީސާ ދިރިއުޅެމުން ދިޔަ ގެއާ ޖެހިގެން ހުރި ގޭގައި ދިރިއުޅެމުން ދިޔަ ދެމަފިރިންގެ ގާތުގައި އެދި، ދޮން އައިސާ އެ ގެއަށް ވެއްދުމަށް ފަހު އަނީސާ އަވަސްވެގަތީ އޭނާގެ ދަރިން ހޯދުމަށެވެ. ދަރިން ހޯދުމަށްޓަކައި އެ ވަގުތު އަނީސާ ގޮސް ވަނީ ރިނބުދޫގައި ދެ ފަންގިފިލާ އަށް ނަގާފައި ހުރި ގެއަކަށެވެ. އެ ގެ ހުރި ސަރަހައްދަށް ދެވުނު އިރު، ލޮނުގަނޑުގެ އުސްމިން ހުރީ މެއާ ހަމައިގައި ކަމަށް ބުންޏެވެ.
"ދެން ދައްތަ ވެސް ރޮއެ ހޭރިފަ ދަރިންކޮޅު ކޮބައިތޯ އެ ގެ އަށް ދޮރާށި ހިއްލާފަ ވަދެެއްޖައިން, ވަދެފަ އެ ގޭ ސިޑިމައްޗަށް އެރީ،" އަނީސާ ކިޔައިދެމުން ގެންދިޔައެވެ.
އެވަގުތު ސިޑިމަތީގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ދުލުން ހެޔޮ އެއްޗެހި ކިޔަމުން ދިޔައިރު، އަނެއްބައި މީހުންނަށް ދިޔައީ ރޮވެމުންނެވެ. އެހެން ސިޑިމަތީގައި ތިއްބައި، ލޮނުގަނޑު ހިނދެމުންދާ ހެން ހީވުމުން އަނީސާ މަސައްކަތްކުރީ އެވަގުތު އޭނާ އިން ގެއިން ނުކުތުމަށެވެ.
ލޮނުގަނޑު ތިލަވިކަން ޔަގީންވުމުން އަނީސާ އެވަގުތު ނުކުމެ ބަލާލިއިރު، ރަށުގެ ގިނަ މީހުން ތިބީ މަގުމަތީގައެވެ. އެވަގުތަކީ އަނީސާގެ އަންހެން ދަރިފުޅުގެ އިތުރުން، އިތުރު ތިން ފިރިހެން ކުއްޖަކު ކުޑަކުދިންކޮޅެއް ކިހިލި ޖަހާލައިގެން އައި ވަގުތެވެ. އޭގެ އިރުކޮޅެއް ފަހުން ރިނބުދޫގެ ރަށު އޮފީހުން (މިހާރު ކައުންސިލް އޮފީހުން) ވަނީ، ރަށު ރައްޔިތުން އެ ސަރަހައްދަށް ޖަމާވާން ގޮވާލައިފައެވެ.
ރަށު އޮފީހުގެ އިމާރާތް ހުންނަ ސަރަހައްދަށް އެންމެން ޖަމާވުމުން، އެންމެ ފުރަތަމަ ވެސް ބެލީ ކިތައް މީހުން މަދުތޯއެވެ. އެގޮތަށް ބެލިބެލުމުން ދެ މީހަކު ގެއްލުނުކަން ފާހަގަކުރެވުނު އިރު، ފަހުން އެނގުނު ގޮތުގައި ދެ މީހުން ވެސް ފެނުނީ މަރުވެފައި އޮއްވައެވެ.
ރަށުގެ މީހުން ވަންނާނެ ގެއެއް، ދާނެ ތަނެއް ނެތެވެ. މަދު ގޭބީސީއެއް ފިޔަވައި ގިނަ ގެޔެއްހެން ހުރީ ސުންނާފަތިވެފައެވެ. ފާރުތަކާއި ގަސްތައް ހުރީ ވެރިފައެވެ. ރަށުގެ 12 މީހަކު ވެގެން ރަށު އޮފީސް ކައިރީގައި ހުރި ގެއެއްގައި ތަރުފާލު އަޅައި އެ ގޮތް މިގޮތަށް އުޅެން އެ ދުވަހު މަޖުބޫރުވިއެވެ. މިއީ ސުނާމީ އެރި ދުވަހު ރިނބުދޫގެ ހާލަތެވެ.
މި އަހަރަކީ ރާއްޖެ އަށް ސުނާމީގެ ރާޅު ބިންދާލިތާ 19 ވަނަ އަހަރު ފުރޭ އަހަރެވެ. ސުނާމީގެ ބިޔަ ރާޅުގަނޑު އަރައި ގޭބިސީތައް ސުންނާފަތިކޮށް 88 ދިވެއްސެއްގެ ފުރާނަ ގެންދިޔަ ދުވަހު، އެ މަންޒަރު އެންމެ ކައިރިން ފެނުނު މީހުންގެ ހިތްތަކުން އަދިވެސް ބިރުވެރިކަމުގެ ހަނދާނެއް ނުފިލައެވެ.
"މިހާރު ވެސް ހަމަ އެ ގޮތަށް ބާރަށް އަޑު އިވުނީމާ ދައްތަ ބިރުގަނޭ، ހަމަ އެ އަޑު ކަންފަތަށް އިވި ލޮލަށް ފެނި، ހިތާމަވެރި ތަޖުރިބާ އެއް ކުރެވުނު ދުވަހެއް އެއީ," އޭރު އުމުރުން 48 އަހަރުގެ އަނީސާ ބުންޏެވެ.
"މިހާރު ވެސް ހަމަ ބާރެއް އަޑު އިވިލީމާ މެއަށް ހީވަނީ ފެން އެއްޗެއް އަޅާލާހެން،"