ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ސަރުކާރުން ފައިސާ ދޫކުރި މައްސަލައިގެ އާބިޓްރޭޝަން ކުރިއަށް ދަނީ ބޭރުގެ ތަނަކަށް ހުށަހަޅައިގެން ކަމަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާނަށް ވިދާޅުވެވެނީ އެ މައްސަލަ ދުބާއީ އާބިޓްރޭޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެކަމުގައި މިހާރު ކުރިއަށް ދަނީ ލީގަލް ޓީމް ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް ލަސްވެފައި ވަނީ ބޭރުގެ ތަނަކަށް ހުށަހަޅަން ޖެހޭތީ ކަމަށްވެސް ވިދާޅު ވެވުނެވެ.
ނޫސްވެރިންގެ ބައްދަލުވުމަށް ފަހު މިއުވާން ވިދާޅުވީ ވެންޓިލޭޓަރުތަކާ ގުޅޭ މައްސަލައިގައި ދުބާއީ ކުންފުންޏެއް ހިމެނޭތީ ދުބާއީގެ ލޯ ފާމެއް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި އެ މަސައްކަތް ކުރިއަށްދާ ވާހަކަ ދެންނެވުނު އިރު އާބިޓްރޭޝަން ބޭރުގެ ތަނަކަށް ހުށަހަޅާކަން ދޭހަވާގޮތަށް ދެންނެވުނީ އޮޅުމަކުން ކަމަށެވެ.
އެ މައްސަލަ ކުރިއަށް ދާނީ ރާއްޖޭގެ އާބިޓްރޭޝަންގައި ކަމަށްވެސް މިއުވާން ވަނީ ވިދާޅުވެފައެވެ.
ދުބާއީ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސްއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަތުމަށް ހަވާލުކޮށް 30 މިލިއަން ރުފިޔާ ދިނުމުން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ނުފޮނުވާ ހުރިއިރު ފައިސާ ވެސް އަނބުރާ ނުދިނުމުން އެ މައްސަލަ އާބިރޭޝަނަށް ހުށަހެޅުމަށް އޮތީ ނިންމާފައެވެ.
ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ފައިސާ ދޫކުރި މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 13 މުވައްޒަފަކަށް ދައުވާވެސް ކުރިއެވެ. ނަމަވެސް އޭގެ ތެރެއިން 8 މީހެއްގެ މައްސަލަަ މިދިޔަ އޮކްޓޯބަރު މަހު ވަނީ ފައިލް ކޮށްފައެވެ. ބާކީ 3 މީހެއްގެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފައި ވެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭސީސީން ބުނީ، ވެންޓިލޭޓަރުތައް ގަތުމުގައި ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ މައްސަލައިގައި މިހާތަނަށް 8 މީހެއްގެ މައްސަލަަ ފައިލްކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޕްރޮސެކިއުޓާ ޖެނެރަލް ފާހަގަ ކުރެއްވި ފަންނީ ކަންތައްތަކެއް ހުރެގެން އިސްލާހު ކުރުމަށް ފަހު ހުށަހަޅަން އެދިފައި ވާ 3 މީހުންގެ މައްސަލަ އިތުރަށް ބަލައި ޕީޖީން އެދިފައިވާ ކަންކަން އިސްލާހު ކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ. އަދި އެކަން ފުރިހަމަ ކުރުމަށް ފަހު ޕީޖީއަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އޭސީސީން ބުނެއެވެ.
މީހަމަފައްކާ އޮޅިފޮޅިސަރުކާރެއް ކޮންމެފަދަ ވާހަކައެއްވެސް ދައްކާނެ ވަރަށް ދޮގުތައް ހަދަމުން، ފަހުން ބުނާނެ އޮޅުމަކުން ބުނެވުނިއްޔޯ.