ބޭރު ގައުމުތަކުން ރާއްޖެ އަށް ކުނި އެތެރެކުރުން ހުއްދަ ކުރުމުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށާއި އާންމު ސިއްހަތަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، ކުނި މެނޭޖުކުރުމުގެ ބިލު ތަސްދީގު ނުކުރުމަށް ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކުން ސަރުކާރަށް ގޮވާލައިފިއެވެ.
ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ސޭވް ދަ ބީޗްގެ އިތުރުން ކްލީން މޯލްޑިވްސް ހިމެނޭހެން 17 ޖަމިއްޔާ އަކުން ނެރުނު ނޫސްބަޔާނުގައި ބުނީ، ރައްޔިތުންގެ މަޖިލީހަށް މިދިޔަ މޭ މަހުގެ 16 ގައި ހުށަހަޅައި، ޖޫން 27 ގައި ކޮމިޓީ މަރުހަލާ އަށް ކުނި މެނޭޖުކުރުމުގެ ބިލު ދިރާސާކުރަން ފޮނުވި ނަމަވެސް، އެ ބިލުގައި ހުރި ކަންކަމަށް އާންމުންގެ ހިޔާލަށް ހުޅުވާލާފައި ނުވާ ކަމަށެވެ.
އެ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮމިޓީން ކުނި މެނޭޖުކުރުމުގެ ބިލު ވޯޓަށް އަހަން ފޮނުވުމުގެ ކުރިން ރާއްޖެ އަށް ކުނި އެތެރެކުރެވޭ ގޮތަށް ބިލަށް ގެނެސްފައިވާ އިސްލާހާ މެދުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީން ފާސްކުރި ރިޕޯޓުގެ މުހިންމު ނުކުތާތައް:
- ރާއްޖެ އަށް ކުނި އެތެރެކުރެވޭނީ ތިމާވެއްޓާ ބެހޭ ވުޒާރާ އިން ހުއްދަ ދޫކުރުމުން ކަމަށް އެ ބިލުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވޭ
- ނުރައްކާތެރި ކުނި އުފުލޭނީ އެކަށީގެންވާ އިންޝުއަރެންސެއް ލިބިފައިވާ ފަރާތްތަކުން، ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް، އެ ބިލުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވޭ
- ނަމަވެސް 44 ވަނަ މާއްދާ އިސްލާހުކޮށް ކޮމިޓީން ނިންމާފައި ވަނީ މިނިސްޓްރީން ދޫކުރާ ހުއްދައެއްގެ ދަށުން އަދި ކަމާ ގުޅޭ ގޮތުން ހަދާ ގަވައިދާ އެއްގޮތަށް ކުނި އެތެރެކުރެވޭ ގޮތަށް
ކޮމިޓީން ގެނައި އިސްލާހާ މެދު ކަންބޮޑުވުން ފާޅުކޮށް ޖަމިއްޔާތަކުން ބުނީ، ވޯލްޑް ބޭންކާއި އޭޑީބީ ފަދަ ބައިނަލްއަގުވާމީ މާލީ ޖަމިއްޔާތަކުގެ އެހީގައި ސަރުކާރުން ހިންގާ ކުނި އަންދައި ހަކަތަ އަށް ބަދަލުކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ މާހައުލާ ނުގުޅޭ، އަދި މާލީ ގޮތުން ވެސް ނުބައްދަލު މަޝްރޫއެއް ކަމަށެވެ. މި ކަމާ ގުޅިގެން ޖަމިއްޔާތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން، ކުނި އަންދައި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއު ހިންގުމަށް ބޭނުންވާ ކުނި ރާއްޖޭގައި ހުރި ކަމުގެ ޔަގީންކަން ތިމާވެއްޓާ ބެހޭ ވުޒާރާ އިން ދިން ކަމަށް އެ ޖަމިއްޔާތަކުން ބުންޏެވެ.
ނަމަވެސް، ކުނި މެނޭޖުކުރުމުގެ ބިލު ފާސްކުރުމުން، މިނިސްޓްރީން ދިން ޔަގީންކަމާ މެދު ސުވާލު އުފެދޭ ކަމަށް ޖަމިއްޔާތަކުން ބުންޏެވެ. އަދި މި ބިލު ފާސްކުރުމާ ގުޅިގެން، ތަރައްގީވަމުން އަންނަ ގައުމުތަކުގައި ދިރިއުޅޭ މީހުންނެކޭ އެއްގޮތަށް ރާއްޖޭގެ އާންމުން ވެސް ނުރައްކަލަށް ހުޅުވިގެން ހިނގައްޖެ ކަމަށް އެ ޖަމިއްޔާތަކުން ސިފަކުރެއެވެ.
ބަޔާނުގައި ބުނީ، ދުނިޔޭގެ އެންމެ ބޮޑު އެއް ބާރު ކަމަށްވާ ޗައިނާ އަށް 2018 އިން ފެށިިގެން ޕްލާސްޓިކް ކުނި އެތެރެކުރުން މަނާކުރުމުން ބޮޑެތި ގައުމުތަކުން އަމާޒު ހިފާފައިވަނީ ސްރީލަންކާ، ވިއެޓްނާމް އަދި ތައިލޭންޑް ފަދަ ގައުމުތަކަށް ކުނި ބޭރުކުރުމަށް ކަމަށެވެ. އެ ގައުމުތަކުގައި ކުނި މެނޭޖުކުރުމަށް އެދެވޭ ވަސީލަތްތައް ގާއިމްކުރެވިފައި ނުވާއިރު އަދި ކުނި މެނޭޖުކުރުމުގެ ހަރުދަނާ ސިޔާސަތުތަކެއް ވެސް ނެތް އިރު އެކަމުގެ ސަބަބުން އެ ގައުމުތަކުގައި ކުނި ވަކިކުރުމާއި ނެގުމުގެ ހިދުމަތްތަކަށް ބުރޫ އަރައި، ގަވާއިދާ ހިލާފު ވިޔަފާރިތަކަށް މަގުފަހިވެފައިވާ ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.
ނަތީޖާއަކަށް ވަނީ އެ ގައުމުތަކުގައި ދިރިއުޅޭ އާންމުންގެ ސިއްހަތަށާއި ތިމާވެއްޓަށް ނޭދެވޭ އަސަރުކޮށް، ކުނި އެންދުމުގެ ސަބަބުން ވިހަ ކެމިކަލްތަކާއި ދުންތައް ބޭރުވެގެން ދިއުން ކަން ފާހަގަކޮށްފައިވެއެވެ.
މިފަދަ ސަބަބުތަކާ ހުރެ ކުނި އެތެރެކުރުމުގެ ސިޔާސަތުތަކާ ދެކޮޅުކަން އެ ގައުމުތަކުން ހާމަކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް ގައުމުތަކުން މިހާރު ވެސް ފިޔަވަޅު އަޅާފައިވާ ކަމަށާއި، ވިލާތުގެ އިއްތިހާދުން ވެސް ދަނީ އެ ގައުމުތަކުން ޕްލާސްޓިކް ކުނި ބޭރުކުރުން މަނާކުރުމަށް މަސައްކަތްކުރަމުން ކަމަށް، އެ ޖަމިއްޔާތަކުން ބުންޏެވެ. ޖަމިއްޔާތަކުން ބުނީ ރާއްޖެ އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުރާނެ ގައުމަކަށް ވުމުން، ޒީރޯ ވޭސްޓް ހައްލެއް މިކަމުގައި ރާއްޖޭން ގެންގުޅުން މާ ރަނގަޅު ކަމަށެވެ.
ހަމަ އެއާއެކު، ކުނި މެނޭޖުކުރުމާ ބެހޭ ބިލުގައި ވޭސްޓް ޓު އެނާޖީ މަޝްރޫއު މޮނިޓާ ކުރެވޭނެ އުސޫލެއް މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީން ހިމަނާފައި ނުވާ ކަމަށާއި، މީގެ ކުރީ ސަރުކާރުތަކެކޭ އެއްގޮތަށް، ތިމާވެށީގެ ކަންކަން ރެގިއުލޭޓްކުރާނެ މިނިވަން މުއައްސަސާ އެއް މި ސަރުކާރުން ވެސް އުފައްދާފައިނުވާ ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.
ޖަމިއްޔާތަކުގެ ދެން އޮތް ކަންބޮޑުވުމަކީ ކުނި އެންދުމުގެ ސަބަބުން ވިހަ ކެމިކަލްތަކާއި ކުނި އެންދުމުން އަރާ ދުންތަކުގެ ސަބަބުން ރާއްޖޭގެ ވައި ނުސާފުވެ، އާންމު ސިއްހަތަށް އެކަމުގެ ނޭދެވޭ އަސަރުކުރުމެވެ. މިހާރު ވެސް ބައެއް އާންމުން ނޭވާލާ ނިޒާމުގެ ބަލިބައްޔަށް ފަރުވާ ހޯދަމުންދާކަން ފާހަގަކޮށް ޖަމިއްޔާތަކުން ބުނީ، ބަލިތަކުން ރަނގަޅުވުމަށްޓަކައި އެފަދަ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށް ހުރަސްތަކާ ކުރިމަތިވާނެ ކަމަށެވެ.
އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ ކުނި އަންދައި ހަކަތަ އަށް ބަދަލުކުރުމުގެ މަޝްރޫއު ހިންގުމުގައި ރާއްޖޭގެ އާންމު އިޖުތިމާއީ އަދި ތިމާވެއްޓާ ބެހޭ މިންގަނޑުތަކާ ހިލާފުވެފައިވާ ކަމަށާއި، ބައިނަލްއަގުވާމީ ބައެއް އެއްބަސްވުންތަކާ ވެސް ހިލާފުވެފައި ކަމަށް، ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުންޏެވެ.
އެހެންކަމުން، ޖަމިއްޔާތަކުން ވަނީ ކުނި މެނޭޖުކުރުމުގެ ބިލް ތަސްދީގުނުކުރުމަށާއި، މަތީގައިވާ ބަޔާންކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް މިކަމުގައި އާންމުންގެ ހިޔާލު ހޯދުމަށާއި، ބޭރުގެ ކޮންޓްރެކްޓަރުންނަށް ރާއްޖެ ކުނި ގޮނޑަކަށް ނުހަދާނެ ކަމުގެ ޔަގީންކަން ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފައެވެ.