މަދަނީ ހިދުމަތްތަކަށް އަންނަ އަހަރުން ފެށިގެން ޑްރޯން އުދުއްސޭގޮތް ހަދަން ސިވިލްއޭވިއޭޝަން އޮތޯރިޓީން ނިންމައި މަސައްކަތް ކުރަމުން ދާ ކަމަށް އެ އޮތޯރިޓީ ހިންގެވުމަށް ހަވާލު ކޮށްފައި ހުންނަވާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިދިޔަ އޭޕްރިލް މަހުގެ ކުރީކޮޅު، ހުޅުމާލެ މަތިން ދުއްވާފައި ދިޔަ ސީޕްލޭނެއް ޖައްސަން ދިޔަ ވަގުތު ޑްރޯނެއް އަރުވައި ވީޑިއޯކުރި މައްސަލައެއް ފެންމަތިވި އިރު އެކަމާ ގުޅިގެން އެއާ ޓްރެފިކް ކޮންޓްރޯލަރުންނާއި ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، އެފަދަ ކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި މިކަމަށް އަލިއަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ، ޑްރޯން ފަދަ އުޅަނދުފަހަރު އެރުވުމާ ބެހޭ އުސޫލެއް މި އަހަރު ނިމުމުގެ ކުރިން ސިވިލް އޭވިއޭޝަން އޮތޯރިޓީން ގެޒެޓުކުރާނެ ކަމަށެވެ. އަދި ޑްރޯން ފަދަ ތަކެތި އަރުވާ ފަރާތްތަކުން އަންނަ އަހަރުން ފެށިގެން އެ އޮތޯރިޓީން ހުއްދަ އަށް އެދެން ޖެހޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އަށް މަސް ކުރިން ސޯޝަލް މީޑިއާގައި އެއާ ޓްރެފިކް ކޮންޓްރޯލަރަކު ވީޑިއޯ އެއް އާންމުކޮށް ކުރި ޓްވީޓެއްގައި ބުނީ، ޑްރޯން ގެންގުޅޭ މީހުން އެފަދަ ތަކެތި އޮޕަރޭޓް ކުރާއިރު ބައެއް ކަހަލަ ކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އެގޮތުން ޑްރޯން އުދުއްސައިގެން ބޭނުން ކުރާއިރު، އެއާ ޓްރެފިކް ކޮންޓްރޯލަރަކަށް ނުވަތަ މަތިންދާބޯޓު ދުއްވާ ޕައިލަޓަކަށް ޑްރޯންގެ ލޮކޭޝަނެއް ނޭނގޭނެ ކަމަށާއި، އެކަމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން އެކަށީގެންވާ ކަމަށެވެ.

އެއާޕޯޓާއި މަތިންދާބޯޓު ފަހަރު ގިނައިން ދަތުރުކުރާ ސަރަހައްދުތަކުގައި ޑްރޯން އެރުވުމަށް ހަރުކަށި އުސޫލުތަކެއް އެބަ ހުއްޓެވެ. އެގޮތުން މާލޭގައި ނަމަ ޑްރޯން އެރުވޭނީ ހަމައެކަނި ރަސްފަންނުގައެވެ. އަދި ހުޅުމާލެ ނަމަ ސެންޓްރަލް ޕާކްގައެވެ. ނުވަތަ ދެވަނަ ފިޔަވަހީގެ އެންމެ އުތުރުގައެވެ.

އެހެން ސަރަހައްދުތަކުގައި ޑްރޯން ބޭނުން ކުރަންޏާ ޑިފެންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެއެވެ.

ނަހުލާގެ ހިތާބުގައި އަލިއަޅުވާލެއްވި އިތުރު ކަންތައްތައް:

  • 2019 އާ ބަލާއިރު ބައިނަލްއަގުވާމީ އުދުހުންތަކުގެ ހަރަކާތްތައް 97 ޕަސެންޓު އިތުރު އަދި އެތެރޭގެ އުދުހުންތަކުގެ ހަރަކާތްތައް 90 ޕަސެންޓު އިތުރު
  • ޓްރާންސިޓް ފަސިންޖަރުންގެ ނަންބަރުތައް 2019 އާ ބަލާއިރު 71 ޕަސެންޓު އިތުރު
  • ފަސް ބައިނަލްއަގުވާމީ އެއާޕޯޓަކާ އެކު ޖުމްލަ 18 އެއާޕޯޓަކުން ހިދުމަތްދޭ
  • އަންނަ އަހަރު ބައިނަލްއަގުވާމީ އާ ފަސިންޖަރު ޓާމިނަލް ހުޅުވާނެ

ރާއްޖެގައި ޑްރޯން އަކީ ވަރަށް އާންމު އެއްޗަކަށް ވާއިރު ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުން ވެސް ޑްރޯން ބޭނުން ކުރެއެވެ. އާންމުކޮށް އޭރިއަލް ޝޮޓްތައް ނެގުމަށް ޑްރޯން ބޭނުން ކުރާ އިރު ބައެއް ފަރާތްތަކުން މުނިފޫހިފިލުވުމުގެ ބޭނުމުގައި ވެސް ޑްރޯން އަރުވާ ހަދައެވެ.