ޗާގޮސް މައްސަލައާ ގުޅޭގޮތުން ފުލުހުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވަނީ މައުލޫމާތު ދެއްވާފައެވެ.

ފުލުހުން ބުނީ އެ ސެޝަނަކީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު މިހާރު ކުރިއަށްދާ މައްސަލައާ ގުޅޭގޮތުން ދިވެހި ފުލުހުންނަށް މައުލޫމާތު ދިނުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމެވުމާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ) އަދި ފޮރިން މިނިސްޓްރީއާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސް ބައެއް ވެރިންވެސް ބައިވެރިވި ކަމަށް ފުލުހުން ބުނެއެވެ.