ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާއެކު އެންމެ ފަނޑިޔާރަކު ބެންޗުގައި އިންނަވައިގެން މިއަދު ހައިކޯޓުގެ ޝަރީއަތެއް ކުރިއަށް ގެންދަވައިފިއެވެ.

ހައިކޯޓުން މިއަދު ބުނީ، ހައިކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެންމެ ފަނޑިޔާރަކު ބައްލަވާ މައްސަލަ ކުރިއަށް ގެންދެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް ކަމަށެވެ. އެ ޝަރީއަތަކީ ދައުލަތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ ގދ. ހޯޑެއްދޫ އަލޯރާ، އަހުމަދު މުޖާހިދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ދައުލަތުން އިސްތިއުނާފް ކޮށްފައިވާ މައްސަލައެވެ.

ހައިކޯޓުން މީގެ ކުރިން ޝަރީއަތްތައް ހިންގަމުން އައީ ތިން ފަނޑިޔާރުން ނުވަތަ ފަސް ފަނޑިޔާރުން ބެންޗުގައި ތިއްބަވައިގެންނެވެ. ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނުގައި ބަޔާން ކުރަނީ ކޯޓުން މައްސަލަތައް ބަލަން ޖެހޭނީ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ވަނީ ހައިކޯޓުން ކުރިއަށް ގެންދާ ބައެއް ޝަރީއަތްތައް އެންމެ ފަނޑިޔާރަކު ބެންޗުގައި އިންނަވައިގެން ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ އިސްލާހާއެކު އެއް ފަނޑިޔާރަށް މައްސަލަ ބެލޭނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައި ނިންމުމެއް، ގާނޫނު އަސާސީއާ ނުވަތަ ޝަރުއީ އުސޫލަކާ ނުވަތަ ގާނޫނަކާ ހިލާފުކަމަށް ގަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމާބެހޭ ފަރާތަކުން އެ ހުކުމެއް އަމުރެއް ނުވަތަ ނިންމުމެއްގެ އިސްތިއުނާފްކުރުމުގެ މައްސަލައެވެ. މިފަދަ މައްސަލަތަކަކީ ހަތް ދުވަސް ތެރޭގައި ނިންމަން ޖެހޭ މައްސަލަތަކެކެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އެ އިސްލާހު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.