ހަބަރުފަތުރާ ވަސީލަތްތަކާއި އެނޫންވެސް އެތައް ބިލިއަން ބަޔަކު ހަރަކާތްތެރިވާ ފޭސްބްކްގައި ޝެއާ ކުރާ ހަބަރު ކޮންޓެންޓުން ލިބޭ އާމްދަނީން މިންވަރެއް ހޯދަން އެމެރިކާގެ ނޫސް އިދާރާތަކަށް ޑިމާންޑް ކުރެވޭ ބިލެއް ފާސްކުރަން މަސައްކަތް ކުރަން ފެށުމުން، ހަބަރު ޝެއާކުރުން އެމެރިކާގައި ހުއްޓާލާނެ ކަމުގެ އިންޒާރު މެޓާއިން ދީފިއެވެ.
ސޯޝަލްމީޑިއާ ޕްލެޓްފޯމް ތަކުގައި ޝެއާކުރާ ނޫސް ތަކުގެ ކޮންޓެންޓުގެ ސަބަބުން އިޝްރިހާރު ކުރާ ފަރާތްތަކަށް ބޮޑު މަންފާއެއް ލިބެއެވެ. އެއީ ފޭސްބްކްގެ މުޅި އާމްދަނީގެ ބޮޑު ޕަސެންޓަކަށް ވާއިރު މި ބިލުން، ބްރޯޑްކާސްޓަރުންނާއި ޕަބްލިޝަރުންނަށް (ހަބަރު ކޮންޓެންޓް އުފައްދާ ޝާއިއު ކުރާ ފަރާތްތައް) އަށް އެ އާމްދަނީ ބައެއް ދޭން އެދެވިދާނެ ކަމަށް ބުނެއެވެ. ހަމަ އެގޮތަށް ކޮންޓެންޓް ފަތުރާ އެހެން ޕްލެޓްފޯމްތަކުގައި ވެސް އެދެވިދާނެ ކަމަށް ބުނެއެވެ.
މި މައްސަލައިގައި މެޓާއިން ބުނީ، ކުދި ނޫސްތަކާއި އަދި އެހެން ބައެއް މީޑިއާ އައުޓްލެޓްތަކަށް ރަނގަޅު ބޫސްޓެއް ނުލިބިގެން އުޅޭ އިރު މެޓާގެ އެކި ޕްލެޓްފޯމްތަކުގެ ސަބަބުން އެ ބޫސްޓް ލިބި އެ ނޫސްތަކުގެ މަގުބޫލުކަން އިތުރުވެގެން ދާ ކަމަށެވެ. އަދި ނިމިދިޔަ ކޮވިޑް ޕެންޑަމިކްގައި ވެސް ގިނަ ނޫސްތައް އޮތީ ވަރަށް ހާލުގައި ކަމަށާއި، ފޭސްބްކް ފަދަ ޕްލެޓްފޯމްތަކުން ހިފެހެއްޓުމެއް ނެތި ފުރުސަތު ދިން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ސައިޓްތަކަށް ލިބުނު ޓްރެފިކް ރަނގަޅުވެ މަގުބޫލުކަން އިތުރު ވި ކަމަށެވެ.
ނަމަވެސް ބިލް ހުށަހެޅި ސެނެޓަރު އަމީ ކްލަބޫޗާ ވިދާޅުވަނީ ޕެންޑަމިކްގައިވެސް މެޓާއިން ބޮޑު ފައިދާއެއް ނެގި ކަމަށެވެ.
މިއާއެކު މެޓާގެ ތަރުޖަމާން އެންޑީ ސްޓޯން ބުނީ، ހަގީގަތްތަކުގެ މައްޗަށް ބެލުމެއް ނެތި އެ ބިލް ފާސްކޮށްފި ނަމަ، މުޅި އެމެރިކާ ބައްރަށް ހަބަރު ޝެއާ ކުރުން ހުއްޓާލާނެ ކަމަށެވެ. އަދި ހަބަރު ޝެއާކުރުމުން ލިބޭ އާމްދަނީ އަކީ މެޓާގެ މުޅި އާމްދަނީގެ 4 ޕަސެންޓް ކަމަށްވެސް އޭނާ ބުނެއެވެ.
އޮސްޓްރޭލިއާގައިވެސް މިއާ ގާތްކުރާ ބިލެއް 2021 ގައި ފާސްކޮށް ދަނީ އަމަލު ކުރަމުންނެވެ. އެއާއެކު އެ ޕްލެޓްފޯމްގައި ނިއުސްފީޑްތައް އޮސްޓްރޭލިއާ އަށް ނުފެންނަ ގޮތް ހެދި ނަމަވެސް މީހުންގެ ފާޑުކިޔުންތަކާ ހުރެ، އެންމެފަހުން އޮސްޓްރޭލިއާ ސަރުކާރާ ވާހަކަ ދައްކައިގެން އާމްދަނީގެ ބައެއް ދޭން އެއްބަސްވިއެވެ.
އެމެރިކާގައި މި ފާސްކުރަން އުޅޭ ގާނޫނަކީ އެޮސްޓްރޭލިއާގެ ގާނޫނާ އަޅާ ބަލާއިރު ނޫސް އިދާރާތަކަށް މާ ބޮޑެތި ބާރުތައް ލިބޭ ގާނޫނެއް ކަމަށާއި އޭގެ ބޭނުމަކީ ފޭސްބްކުން ސޯޝަލްމީޑިއާ ޑޮމިނޭޓް ކުރިޔަ ނުދިނުން ކަމަށް މުރާސިލުން ބުނެއެވެ.
މި ބިލަށް ތާއީދު ކުރި ބައެއް ސެނޭޓަރުން ބުނީ، މިހާރު މެޓާއިން ނޫސްތައް ހުރިގޮތަށް ކާލަނީ ކަމަށެވެ. އެހެން ކަމުން އެ ބިލް ކޮންމެހެންވެސް ފާސް ކުރަން ޖެހޭ ކަމަށާއި އެމަކާ މެޓާއިން ދެކޮޅު ހެދުމުން ދޭހަކޮށްދެނީ ވަކި ބަޔަކަށް މޮނޮޕޮލީ އޮތުމުން ޑިމޮކްރަސީތަކަށް އޭގެ ނުރައްކާ އޮތް ކަން ކަމުގައިވެސް މެންބަރުން ބުނެއެވެ.