ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގައިފި ނަމަ 1 އަހަރަށް ޖަލަށް ލެވޭ ގޮތަށް ހެދި ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

މި އާ ގާނޫނާއެކު ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގައިފި ނަމަ އިންޑޮނީޝިއާގެ ރައްޔިތުންގެ އިތުރުން އެގައުމުގައި އުޅޭ ބޭރުގެ ރައްޔިތުން ވެސް ޖަލަށް ލެވޭނެއެވެ.

މި ބިލުގެ ދަށުން ކައިވެނީގެ ބޭރުން ދެމީހަކު ނުވަތަ ބަޔަކު ޖިންސީ ގުޅުން ހިންގި ކަމަށް މީހަކު މައްސަލައެއް ޖައްސައިގެން އެ މައްސަލައެއް ބަލައި ސާބިތު ވެއްޖެ ނަމަ ހުކުމަކީ 1 އަހަރަށް ޖަލަށް ލުމެވެ. މީގެ އިތުރުން އިނދެގެން އުޅޭ ދެމީހުންގެ ތެރެއިން އެކަކު، ހިލޭ އަންހެނެއް ނުވަތަ ފިރިހެނަކާއެކު ޖިންސީ ގުޅުން ހިންގިޔަސް މި ގާނޫނުގެ ދަށުން ދައުވާ ކުރެވޭނެއެވެ.

ހަމަ އެއާއެކު ކައިވެންޏެއް ނުކޮށް ތިބި ދެމީހަކު ޖިންސީ ގުޅުން ހިންގައިފި ނަމަ އެ މައްސަލަ އެ ކުދިންގެ މައިންބަފައިންނަށް ވެސް ރިޕޯޓު ކުރެވޭނެ ހަމަތައް މިގާނޫނުގައި ވެއެވެ.

މި ބިލަށް ފާޑުކިޔައި އިންޑޮނީޝިއާގެ ބައެއް ވިޔަފާރިވެރިން ބުނީ، މި ބިލުގެ ސަބަބުން ފަތުރުވެރިންނާއި އިންޑޮނީޝިއާގައި އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކުގެ ކުރިމަތީގައި އިންޑޮނިޝިއާގެ މޫނުމަތި ކިލަނބުވެދާނެ ކަމަށެވެ.

މިއީ 2019 ވަނަ އަހަރުވެސް ފާސްކުރަން މަސައްކަތް ކުރި ގާނޫނެކެވެ. ނަމަވެސް އެއިރު އެކަން މަޑުޖެހިގެން ދިޔައީ، އޭރު އޮތް ޑްރާފްޓާ ގުޅިގެން އެތައް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކޮށް ތަންތާ ހުޅުޖަހާ ބޮޑު ހަމަނުޖެހުމެއް އުފެއްދުމާ ގުޅިގެންނެވެ.

މުސްލިމް މެޖޯރިޓީ އެއް އޮންނަ އިންޑޮނީޝިއާގައި ދެފިރިހެނަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި 2021 ވަނަ އަހަރު 77 އެތިފަހަރުން ހައްދު ޖެހިއެވެ. ހަމަ އެދުވަހު ވަނީ، އަންހެނަކާއި ފިރިހެނަކު މާ ގައިގޯޅިކޮށް ހުރި މައްސަލައެއްގައި ދެމީހުންގެ ގައިގައި 20 އެތިފަހަރުން ހައްދު ޖަހާފައެވެ. އަދި މަސްތުގެ ހާލުގައި ތިބި 2 ފިރިހެނެއްގެ ގައިގައި 40 އެތިފަހަރުން ވެސް އެދުވަހު ހައްދު ޖެހިއެވެ.

މިހާރުވެސް އޮންޑޮނީޝިއާގެ އަޗޭ އަކީ ޖުވާ ކުޅުމާއި، މަސްތުވުމާއި ހިލޭ ފިރިހެނުންނާއި އަދި ހިލޭ އަންހެނުން ބައްދަލުކުރުން މަނާ ތަނެކެވެ.