ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބްރޯޑްކާސްޓިން ލައިސަންސް ދޫނުކުރަން ނިންމި ނިންމުމާ ދެކޮޅަށް ދިރާގުން ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރުސަތު އިތުރު ކުންފުންޏަކަށް ނުދޭން ސިވިލް ކޯޓުން ނިންމައިފިއެވެ.
މި މައްސަލައަކީ ރީބްރޯޑްކާސްޓު ކުރުމުގެ ގަވައިދަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގެނައި ބަދަލަކާއި ގުޅިގެން ދިރާގު ޓީވީގެ ހިދުމަތް ހުއްޓާލަން ޖެހޭތީ އެ ކުންފުނިން ހުށަހެޅި މައްސަލަ އެކެވެ.
ބްރޮޑްކޮމް އިން ވަނީ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ލައިސަންސް ނުދޭން ހަމަޖައްސާފައިވާތީ ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރަން ނިންމާފައެވެ.
ދިރާގުން ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގެ ތެރެއަށް ވަންނަން މީޑިއާ ނެޓާއި އޭދަފުށީ ކޭބަލް ނެޓްވޯކާއި ސްކައި ލައިފް ކޯ ޕްރައިވެޓް ލިމިޑެޓުން ވަނީ ހުށަހަޅާފައެވެ.
ނަމަވެސް އެމައްސަލައިގައި މިއަދު ސިވިލް ކޯޓުން ވަނީ އެއިން އެއްވެސް ކުންފުންޏަކަށް އެ މައްސަލާގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދިނުމަށް ނިންމާފައެވެ. އެއީ އެ މައްސަލައަކީ ދިރާގުގެ ލައިސަންސް އާ ނުކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ނިންމުމަކާ ގުޅޭ މައްސަލައަކަށް ވާއިރު، އެ ނިންމުމުގައި އެކުންފުނިތަކުގެ ދައުރެއް އަދި މަސްލަހަތެއް ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ބުނެފައެވެ.
އެ މައްސަލަ ނިމެންދެން، ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން އޮތީ ކުރިން ވަގުތީ އަމުރެއް ނެރެފައެވެ.
އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން އޮތީ އިސްތިއުނާފްކޮށްފައެވެ.