ދ. ރިނބުދޫން ކުދި ބޮލި ހުރި ބޮޑު ވަޅުގަނޑެއް ފެނިފައިވާ އިރު އެ ވަޅުގަނޑުގައި ހުރި ބޮލިތައް ނަގާ އެ ސަރަހައްދު ސާފު ކޮށްފިއެވެ.
އެ ރަށު ކައުންސިލުން ބުނީ، މި ވަޅު ފެނިފައި ވަނީ އެ ރަށުގެ ދެކުނު ފަރާތުން ފެނާއި ނަރުދަމާ އެޅުމަށް ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުން ދިޔަ ސަރަހައްދުން ކަމަށެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށުގެ ކައުންސިލްގެ ރައީސް އަހްމަދު އިގްބާލް ވިދާޅުވީ، އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތަށް ހޮޅި ވަޅުލުމުގެ މަސައްކަތް ކުރިއަށް ދިޔައިރު މިއަދު ބޮލި ވަޅެއް ފެނިގެން އެ މައްސަކަތާ ހަވާލުވެ ހުންނަ ސުޕަވައިޒަރު ކައުންސިލަށް އެކަން އެނގި ކަމަށެވެ. އަދި އެ ބޮލި ވަޅު ބެއްލެވުމަށް ފަހު އޭނާ ވަނީ ހެރިޓޭޖް މިނިސްޓްރީއަށް އެކަން އަންގާފައި ކަމަށް އިގްބާލް ވިދާޅުވިއެވެ.
އެ ބޮލިވަޅާ މެދު ކަން ކުރަންވީ ގޮތުގެ އިރުޝާދު ހެރިޓޭޖް މިނިސްޓްރީން ދިން ކަމަށާއި މިހާރު އެ ވަޅުގަނޑުން ބޮލި ނަގާ ހުސްކޮށްފައިވާ ކަަމަށް އިގްބާލް ވިދާޅުވިއެވެ. އެތަނުން ގިނަ އަދަދެއްގެ ބޮލި ނަގަފައިވާ އިރު ހިލަވެލި އަޅާ ގޯނީގެ ދެ ގޯންޏާއި ބައި ފުރާ ބޮލި ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސީދާ ނެގުނު ބޮލީގެ އަދަދު ބުނެދޭން މި ވަގުތު ނޭނގުނު ނަމަވެސް މާދަމާ އެ ގޯނިތަކުގައި ހުރި ބޮލިތައް ގުނަން ނިންމާފައިވާ ކަމަށް އިގްބާލް ވިދާޅުވިއެވެ.
އިހު ޒްަމާނުގައި ދިވެހިން ފައިސާގެ ގޮތުގައި ބޭނުން ކުރީ ކުދި ބޮއްޔެވެ. މި ބާވަތުގެ ބޮއްޔަށް ބައެއް މީހުން ރަސް ބޮއްޔޭވެސް ކިޔައެވެ. އެގޮތުން ރިނބުދޫ އަކީ އެ ޒަމާނުގައި ރަސްބޮލި ނަގާ ރަށް ކަމަށް ވެސް ގިނަ ބަޔަކު ބުނެއެވެ. އަދި ރަސް ބޮއްޔަކީ އެ ރަށަށް ހާއްސަ ބޮއްޔެއް ކަމަށް ވެސް މީހުން ބުނެއެވެ.
ރިނބުދޫއަކީ ބޮލި ހިލުމުގައި އިހު ޒަމާނުގައި ނަން މަޝްހޫރު ރަށެއް ކަމުގައި ވިޔަސް މި ފަދަ ބޮލި ވަޅެއް އެ ރަށުން ފެނުނު މިއީ ފުރަތަމަ ފަހަރެވެ.