ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ކ. މާފުށި، މުހައްމަދު ޝައިބާން 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އޭޕްރީލް 4، 2020 ވަނަ ދުވަހުގެ 3 ޖަހާހާއިރު ކުއްޖާ ދިރިއުޅޭ ގޭގެ ގޯތި ތެރޭގައި ވަކިން ހަދާފައި ހުންނަ ތިން ކޮޓަރީގެ ތެރެއިން ކޮޓަރިއަކަށް ކުއްޖާ ގެންދިއުމަށް ފަހު މީނާ ކުއްޖާ އާއި ބަދުއަހްލާގީ އަމަލު ހިންގި ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ދައުލަތުން ދައުވާކުރި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ މި ދައުވާއަށް މުހައްމަދު ޝައިބާން އިންކާރު ކުރިއެވެ.

ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށާއި ގަރީނާތަކަށް ބެލުމުން އެ މައްސަލައިގައި ޝަކުވާކުރި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްކަމާއި މުހައްމަދު ޝައިބާންއާ ގުޅޭގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުބައި ނިޔަތެއް ޝަކުވާކުރި ކުއްޖާގެ ކިބައިގައި އޮތްކަން އެނގެން ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި ޝަކުވާކުރި ކުއްޖާގެ ހެކިބަހަކީ އާދަޔާ ހިލާފަށް ތެދު ހެކިބަހެއްގެ ގޮތުގައި ޝަރީއަތަށް ގަބޫލުކުރެވެން އޮތުމާއެކު މުހައްމަދު ޝައިބާންގެ މައްޗަށް ދަޢުވާކުރެވިފައި ވާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާ ކަމަށް ވަނީ ނިންމާފައެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުގައި 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވީ ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް ބަންދުގައި ހޭދަކުރި ދުވަސްތައް އުނިކުރުމަށްފަހު މުހައްމަދު ޝައިބާން ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 07 އަހަރާއި 4 މަސްދުވަހުގެ ޖަލު އަދަބެއް ކަމަށް ކަނޑައަޅާ ވަނީ ހުކުމް ކޮށްފައެވެ.