ކޯޓުގެ ބަންދު އަމުރަކާ މެދު ނޫސްބަޔާނެއް ނެރުމުގެ ސަބަބުން، އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުން ދަނިކޮށް އެ ކޯޓުގެ އިތުރު ދެ މެޖިސްޓްރޭޓެއްގެ މައްސަލައެއް ވެސް ފެންމަތިވެއްޖެއެވެ.

ޖޭއެސްސީން ބުނީ، ބަންދާ މެދު ކޯޓުން ގޮތް ނިންމުމަށް ބޭއްވި މައްސަލައަކަށް ފަހު އެ ނިންމުމާ ގުޅޭގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް މެޖިސްޓްރޭޓް ރަފީއުއްދީން އަމަލުކުރެއްވި ކަމަށް ބެލެވޭ މައްސަލައެއް މިދިޔަ މާޗް މަހުން ފެށިގެން ބަލަމުންދާ ކަމަށެވެ.

އެ މައްސަލައިގެ ތެރެއިން އައްޑޫ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު ހާޝިމާއި ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ތޯހިރު ވެސް ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ބެލެވޭ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެހެންކަމުން، އެ ކޮމިޝަނުން ބުނީ، ކޮމިޓީ އެއް އެކުލަވާލައި އެ ދެ މެޖިސްޓްރޭޓުންގެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ ތެރެއިން އެހެން މައްސަލައެއްގެ ހަސްމަކާ ބައްދަލުކުރިކަން ސާބިތުވެ، އިސްމެޖިސްޓްރޭޓް ހާޝިމަށް ޖޭއެސްސީން މީގެ ކުރިން ސުލޫކީ ފިޔަވަޅު އަޅާފައިިވެއެވެ.