15 މިނިވަން މުއްސަސާއަކާ އެކު މިނިވަން މުވައްސަސާތަކުގެ މެދުގައި ބާއްވާ "މިނިވަން ކަޕް 2022" ފުޓްސަލް މުބާރާތް މިއަދު ފަށަން ނިންމައިފިއެވެ.

މި މުބާރާތަކީ ދައުލަތުގެ މިނިވަން މުއްސަސާތަކުގެ ގުޅުން ހަރުދަނާކޮށް މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހުއާލާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރެކްރިއޭޝަން ކްލަބް، އޭސީސީއާރުސީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރެކްރިއޭޝަން ކްލަބް، އެޗްއާރުއާރުސީ އިން އިސްނަގައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މަހުގެ 4 އިން 10 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މުބާރާތް އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލާއިގެން ވަކިވަކިން ކުރިއަށް ގެންދާއިރު އެ މުބާރާތުގައި އަންހެން 11 ޓީމާއި ފިރިހެން 12 ޓީމުން ބައިވެރިވެއެވެ.

މުބާރާތުގައި ބައިވެރިވި މުވައްސަސާތައް:

  1. އޭސީސީ
  2. އެޗްއާރުސީއެމްގެ
  3. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)
  4. އިލެކްޝަންސް ކޮމިޝަން (އީސީ)
  5. އޮޑިޓާ ޖެނަރަލްގެ އޮފީސް (އޭޖީއޯ)
  6. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)
  7. ރައްޔިތުންގެ މަޖިލިސް
  8. ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް (ސީއޯއޯ)
  9. އޮމްބަޑްސް ޕަރސަން ފޮރ ޓްރާންސިޝަނަލ ޖަސްޓިސް(އޯޓީޖޭ)
  10. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)
  11. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)
  12. ސިވިލްސަރވިސް ކޮމިޝަން (ސީއެސްސީ)
  13. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީއޯ)
  14. ބްރޯޑްކާސްޓިންގ ކޮމިޝަން
  15. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

އޭސީސީއިން ބުނީ އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާއާއި މިލްކުވާ ތަށީގެ އިތުރުން ރަން މެޑަލް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މުބާރަތުގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯ ކަމަށާއި މުބާރާތް ބޭއްވުމުގައި އެމްޑަބްލިއުއެސްސީ އަދި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އޭސީސީއިން ބުނެއެވެ.