އަފްގާނިސްތާނުގައި ހުންނަވާ ޕާކިސްތާންގެ އެންމެ އިސް ޑިޕްލޮމޭޓް، އުބައިދު އޫރު ރެހްމާން ނިޒާމަނީ އަވަހާރަ ކޮށްލަން ބަޑީގެ ހަމަލާއެއް ދީފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ މިހަމަލާ ދިނީ އަފްގާނިސްތާނުގެ ކާބުލްގައި ހުންނަ އެމްބަސީގެ ގޯތިތެރޭގައި ކަމަށާއި ހަމަލާގައި އެމްބެސެޑަރުގެ ބޮޑީގާޑެއް ޒަހަމްވި ކަމަށެވެ.

މިއާއެކު ބޮޑުވަޒީރު އޮފީހުން ބުނީ މިހާދިސާ ހިނގި ގޮތުގެ ފުރިހަމަ ތަހުގީގެއް އަފްގާނިސްތާނުގެ މިހާރުގެ ސަރުކާރުން ހިންގަން ޖެހޭނެ ކަމަށާއި، އެމްބެސެޑަރާއި އެގައުމުގައި ދިރިއުޅުއްވާ ޕާކިސްތާނުގެ އެހެން ޑިޕްލޮމޭޓުންގެ އިތުރުން، ޕާކިސްތާނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭނެ ކަމަށެވެ.

މި ހަމަލާ ދީފައި މިވަނީ ދެގައުމުގެ ބޯޑަރުގެ މައްސަލައިގައި އޮތް ނުތަނަވަސް ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ހީނާ ރައްބާނީ ހައިރު ކާބުލް އަށް ވަޑައިގެން އަފްގާން ސަރުކާރުގެ މަންދޫބު އާމިރު ހާން މުއްތަގީ އާ މަޝްވަރާތައް ބޭއްވިތާ ދުވަސްކޮޅެއް ވެސް ނުވަނީހެވެ.

މިހާދިސާގައި ޒަހަމްވި ސެއުރިޓީ ގާޑުގެ ހާލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާ އިރު އެމްބަސީ އޮފިޝަލަކު ބުނީ، ހަތިޔާރު އަޅައިގެން ހުރި މީހަކު ބޮނދަބޮނދައިގެން އެމްބަސީ ކޮމްޕައުންޑަށް ވަދެ ހަމަލާ ދޭން ފެށީ ކަމަށެވެ.

އޭނާ އިތުރަށް ބުނީ، އެމްބެސެޑަރާއި ހުރިހާ މުވައްޒަފުންގެ ހާލުވެސް ރަނގަޅު ކަމަށާއި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްވެސް މީހަކު މިވަގުތު ބޭރަށް ނުދާ ކަމަށެވެ.

ޕާކިސްތާން އެމްބެސެޑަރު ކާބުލް އަށް ވަޑައިގަތީ ހުސްވި މަހު، މަގާމުގެ ޒިންމާތަކާ ހަވާލުވަވަޑައިގަތުމަށެވެ. ކާބުލްގައި ހުންނަ ޕާކިސްތާންގެ އެމްބަސީ އަކި އެފްގާން ހަނގުރާމަ ނިމި، ތޯލިބާނުން ވެރިކަމަށް އައި އިރުވެސް ބަންދު ނުކުރާ މަދު އެމްބަސީތަކުގެ ތެރެއިން އެއް ތަނެވެ.

މި ހަމަލާ އަފްގާން ސަރުކާރުންވެސް ވަނީ ކުށްވެރި ކޮށްފައެވެ.