އެޗްޑީސީން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ފުލުހުންގެ ނެޝަނަލް ކޮލެޖް ފޯ ޕޮލިސިން ލޯ އެންފޯސްމަންޓާ ގުޅިގެން، އެ ކޯޕަރޭޝަންގެ ސުޕަވައިޒަރުންނަށް ހާއްސަ ތަމްރީނުތަކެއް ފަށައިފިއެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި އެޗްޑީސީން ބުނީ، ހުޅުމާލެ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެ ކޯޕަރޭޝަންގެ ސުޕަވައިޒަރުންނާއި އިންސްޕެކްޓަރުންދޭ ހިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން އަށް ދުވަހުގެ ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް، ފުލުހުންގެ ކޮލެޖާ ގުޅިގެން ފަށާފައިވާ ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، ހުޅުމާލޭގެ ކަންކަން ބަލަހައްޓައި އާންމުންނަށް ދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިފަދަ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހާއްސަ އިސްކަމެއް ދޭނެއެވެ. މި ޓްރެއިނިން ޕްރޮގްރާމްގައި ކުރިއަށް ގެންދާނެ ބައިތަކުގެ ތެރޭގައި ހިމެނެނީ:

  • ރަށުތެރެ ބެލެހެއްޓުމުގައި ގެންގުޅެން ޖެހޭ ރަނގަޅު ގޮތްތައް
  • މުއާމަލާތުކުރުން
  • މައްސަލަތައް ހައްލުކުރުން
  • ސެލްފް ޑިފެންސް އަދި ގާނޫނާއި ގަވައިދުތަކަށް ބައިވެރިން އަހުލުވެރިކުރުވުން

މިހާރު ވެސް ހުޅުމާލޭގައި ދިރިއުޅޭ އާންމުންނާއި އެ ކޯޕަރޭޝަނާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.