ގަތަރުގައި ހިނގަމުންދާ ފީފާ ވޯލްޑްކަޕްގައި މިރޭ ދެވަނަ ބުރުގެ ދެވަނަ މެޗުގައި 2-1 އިން އޮސްޓްރޭލިޔާ ބަލިކޮށް އާޖެންޓީނާއިން ކުއާޓާފައިނަލަށް ހިނގައްޖެއެވެ.

ދެ ޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު ޖަހާ ދިނީ ކެޕްޓަން ލައިނަލް މެސީއެވެ. މިއީ މެސީގެ ކެރިޔަރުގައި އޭނާ ކުޅުނު 1،000 ވަނަ މެޗަށް ވީ އިރު މި ލަނޑަކީ އޭނާ އާޖެންޓީނާއަށް ޖަހާ ދިން 94 ވަނަ ލަނޑެވެ. އަދި މިއީ ވޯލްޑްކަޕް މުބާރާތެއްގެ ދެވަނަ ބުރުގައި މެސީ ޖަހާ ދިން ފުރަތަމަ ލަނޑެވެ.

މިއީ މެސީ އާޖެންޓީނާއަށް ޖަހާ ދިން 94 ވަނަ ލަނޑު/ފޮޓޯ: ފީފާ

ފުރަތަމަ ހާފްގެ 35 ވަނަ މިނެޓްގައި މެސީ ޖެހި މިލަނޑާއެކު ހާފް ނިންމާލި އިރު ދެވަނަ ހާފްގައި ވެސް ފުރަތަމަ ލަނޑު ޖަހާ ލީޑު ފުޅާ ކުރީ އާޖެންޓިނާއިންނެވެ.

މިގޮތުން އޮސްޓްރޭލިޔާގެ ކީޕަރަށް ހެދުނު މިސްޓޭކަކުން އާޖެންޓީނާ ޖެހި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޖޫލިއަން އަލްވަރޭޒްއެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި ދެވަނަ ލަނޑެވެ.

އާޖެންޓިނާގެ ދެވަނަ ލަނޑު ޖަހާ ދިން ޖޫލިއަން އަލްވަރޭޒް/ފޮޓޯ: ފީފާ

މި ސްކޯލައިންގައި އޮވެގެން މެޗު ނިމޭނެ ކަމަށް ބެލެވުނު ނަމަވެސް އޮސްޓްރޭލިޔާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ފަހު ވަގުތުކޮޅުގެ ފޯރި އިތުރުކޮށްފައެވެ. މެޗުގެ 77 ވަނަ މިނެޓް އާޖެންޓިނާގެ ގޯލަށް ވަތް މިލަނޑަކީ އެޓީމުގެ އެންޒޯ ފަނާންޑޭޒް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

އޮސްޓްރޭލިޔާއިން އިތުރު ލަނޑެއް ޖަހަން މަސައްކަތް ކުރި ނަމަވެސް މިމެޗު ނިމުނީ 2-1 އިން އާޖެންޓިނާ މޮޅުވެގެންނެވެ. އެޓީމުން ކުއާޓާ ފައިނަލްގައި ކުޅެން ޖެހޭ މިރޭ ކުޅުން އަނެއް މެޗުގައި އެމެރިކާ 3-1 އިން ބަލިކުރި ނެދަލޭންޑްސްއާއެވެ.