ބޭންކްތަކުގައި ރައްކާ ކުރާ ބޭރު ފައިސާގެ އަދަދު ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކްތަކަށް ރައްކާ ކުރެވޭ ބޭރު ފައިސާގެ އަދަދު ވަނީ 10 ޕަސެންޓަށް ދަށްވެފައެވެ. ބޭންކްތަކުގައި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ޑިޕޮސިޓްކުރި އަދަދު 52.2 ބިލިއަން ރުފިޔާއަށް އަރައެވެ.

ބޭންކްތަކަށް ރައްކާކުރަންލާ ފައިސާގެ ތެރެއިން 76 ޕަސެންޓު މަދުވެފައިވަނީ ބޭރު ފައިސާއިންނެވެ.

ބޭރުފައިސާގެ އަދަދު މަދުވެފައިވަނީ އިމްޕޯޓްކުރުމަށް ކުރަންޖެހުނު ހޭދަ ބޮޑުވުމުންކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ބޭންކްތަކުން ލޯން ދޫކުރި މިންވަރު ވަނީ އިތުރުވެފައެވެ. ތިންވަނަ ކުއާޓަރުގައި 32.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުރިއިރު މިއީ ދެ ޕަސެންޓްގެ އިތުރުވުމެކެވެ.

އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު މިއަހަރުގެ ތިންވަނަ ކުއާޓާ ނިމުނުއިރު ހުރީ 28.3 ބިލިއަން ރުފިޔާގައެވެ.

މިމުއްދަތުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ މަސައްކަތްތަކަށާއި އަމިއްލަ ބޭންކްތަކާއި ވިޔަފާރިތަކަށް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރި ލޯނުގެ އަދަދު 38 ޕަސެންޓަށް އަރައެވެ. އަދި އަމިއްލަ ފަރާތްތަކަށް ކްރެޑިޓް ކާޑް މެދުވެރިކޮށްގެން ދޫކޮށްފައިވާ ލޯނުގެ އަދަދު ވަނީ 27 ޕަސެންޓަށް އިތުރުވެފައެވެ.