ގދ. ފަރެސްމާތޮޑާ، ބާހިރާ ދޯނިން 58.6 ޓަނުގެ މަސް ކިރާ، އެއް ދުވަހުން 9 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

މި ދޯނިން އޮކްޓޫބަރު މަހު ވަނީ ކޫއްޑޫއަށް 51.9 ޓަނުގެ މަސް ކިރާފައެވެ. އަދި އެފަހަރު ކިރި މަަހަށް 882،674 ރުފިޔާ ވަނީ ލިބިފައެވެ.

އެދޯނިން އަނެއްކާވެސް ގިނަ އަދަދެއްގެ މަސް ކިރާފައވާއިރު މިފްކޯއިން ބުނީ އިއްޔެ އެ ދޯނިން 58.6 ޓަނުގެ މަސް ކޫއްޑޫއަށް ކިރުވާފައިވާ ކަމަށެވެ. އަދި އެ ދޯނިން ވަނީ އެއްދުވަހެއްގެ ދޯށީގެ މަސްވެެރިކަމުގެ އާ ރިކޯޑެއް ހަދާފައި ކަމަށެވެ.

އެ މަސްކިރުވައި ބާހިރާ ދޯނިން 996,034 ރުފިޔާ ގެ އާމްދަނީ އެއް ހޯދާފައި ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

ބާހިރާ ދޯނިން މީގެ ކުރިން ވެސް ވަނީ ގިނަ އަދަދުތަކުން މަސް ކިރާފައެވެ.

ބަހީރާ ދޯނީގެ އިތުރުން ގދ. މަޑަވެލީ ޓީއެސް ދޯންޏަކީ ވެސް ގިނަ އަދަދެއްގެ މަސް ބާނާ ދޯންޏެކެވެ.

އެގޮތުން ސެޕްޓެމްބަރު މަހު އެ ދޯނިން 57.152 ޓަނުގެ މަސް ކިރައި އާމްދަނީގެ ގޮތުގައި 971،584 ރުފިޔާ ވަނީ ހޯދާފައެވެ.

އެ ދޯންޏަކީ މިދިޔަ އަހަރުވެސް އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސްކިރި ދޯންޏެކެވެ. އެގޮތުން މިދިޔަ އަހަރު އެ ދޯނިން 1،095.805 ޓަނުގެ މަސް މިފްކޯއަށް ކިރާފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.